ޚަބަރު

ލޮކްޑައުނަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައި ބީއެމްއެލް ހުޅުވާނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހަކު

އަލީ ޔާމިން

ލޮކްޑައުނަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހަކު ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ، މާދަމާއިން ފެށިގެން މިފެށޭ މަހުގެ 13 އަށް ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 14:00 އަށް އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ޖަމާކުރުމުގެ ހިދުމަތާއި ޕޭ ރޯލްގެ ހިދުމަތާއި، އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމާއި، ލޯކަލް ބޭންކިން ޓްރާންސްފާގެ އިތުރުން ޕީއޯއެސްގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ހިދުމަތް އެ ތިން ދުވަހު ދެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ، މާދަމާއިން ފެށިގެން އެ ބޭންކުގެ ސާވިސް ސެންޓަރު މެދުވެރިކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކާޑު ދޫކުރުމުގެ ހިދުމަތް ހަމަޖައްސާފައިވާ ކަމަށާއި އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ބައެއް ބްރާންޗްތަކާއި، ސާވިސް ސެންޓަރުތައް ހުޅުވުމަށްވެސް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތަށް ހަމަޖައްސާފައިވަނީ ކުރިން އެޕޮއިންޓްމަންޓް ހަމަޖައްސާ ގޮތަށް ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ، ވިލިމާލޭ ބްރާންޗުން ކާޑު ދޫކުރުމަށް ހަމަޖައްސާފައިވަނީ ވެސް މާދަމާ ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ހުރި ބްރާންޗުތަކުން މާދަމާއިން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.