ޚަބަރު

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ނައީމަށް އެންވަޔަރަމަަންޓް މިނިސްޓްރީން އިންޒާރު ދީފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވުމުން އެންވަޔަރަމަންޓް މިނިސްޓްރީން އޭނާއަށް އިންޒާރު ދީފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ސޮއިކުރައްވައި ނައީމަށް ފޮނުއްވި އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދިއުމާ ގުޅިގެން އެކަމުގައި އީޕީއޭ އިން އަމަލުކުރަންވީ ގޮތުގެ ލަފަޔާ އިރުޝާދު ދިނުމަށް އުފެއްދި ވަޓްސްއަޕް ގުރޫޕުގައި ނަސީރު ދެއްވި އިރުޝާދާ އެއްގޮތަށް އަމަލު ނުކުރާނެ ކަމަށް ނައީމު ވިދާޅުވެފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ވަޓްސްއަޕް ގުރޫޕުގައި ނައީމު އެހެން ވިދާޅުވިއިރު އެ ގުރޫޕުގައި ޑރ. ނަސީރުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި އީޕީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދާއި އީޕީއޭގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ހަމްދާން ޒުހެއިރު ތިއްބެވި ކަމަށް ވެސް ލިޔުމުގައި ބުނެފައިވެއެވެ.

އެ ލިޔުމުގައި ބުނެފައިވާ ގޮތުން ޑރ. ނަސީރަކީ އީޕީއޭގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި އީޕީއޭގެ ވެރިންނަށް އިރުޝާދާއި ލަފާދިނުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާ ސިޔާސީ އެންމެ އިސް މުވައްޒަފެވެ.

އެހެންކަމުން ވަކިކަމެއް ވަކި ގޮތަށް ކުރުމަށް އޭނާ ލަފާ އެރުވުމުން އެކަމަކީ ގާނޫނާއި ގަވާއިދާ ހިލާފު ކަމަކަށް ނުވާނަމަ، އެކަން އެގޮތަށް ކުރުމަށް އިންކާރުކުރުމަކީ ނައީމަށް އޮތް އިހުތިޔާރެއް ކަމަށް ނުދެކޭ ކަމަށާއި އަދި އެއީ އީޕީއޭ ފަދަ ސަރުކާރުގެ މުހިންމު ރެގިއުލޭޓަރީ މުއައްސަސާއެއްގެ ޒިންމާދާރު ވެރިއަކަށް ހުރި ފަރާތެއްގެ ކިބައިން ފެނިގެންވާނެ އަމަލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ލިޔުމުގައި އިތުރަށް ބުނެފައިވަނީ، ނައީމުގެ އެ އަމަލަކީ ސިވިލް ސާވިސް ގަވާއިދުގެ 2014ގެ އިސްލާހީ ފިޔަވަޅު އެޅުމާބެހޭ ޗެޕްޓަރުގެ ދަށުން ވަޒީފާގެ ކުށުގެ ދަރަޖަ ދޭކަށް ފެތޭ ކުށެއް ކަމަށެވެ.

އެހެންކަމުން، ނައީމްއާ ހާވާލުކޮށްފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރުމަށާއި، ވެރިންނަށް އިހުތިރާމު ކުރުމާ އެކު ވެރިން ދޭ ލަފަޔާއި އިރުޝާދު ހެޔޮހިތުން ބަލައިގަތުމަށް ވަނީ އަންގައިފައެވެ. އަދި މީގެފަހުން ސިވިލް ސާވިސްގެ ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ވެއްޖެ ނަމަ އިތުރު އިންޒާރެއް ދިނުމަކާނުލައި ވަޒީފާގެ ފަންތި ދަށްކުރުން ނުވަތަ ވަޒީފާއަށް ނުކުތުން މަނާކުރުން ނުވަތަ ވަޒީފާ އިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވާކަން އަންގައި އިންޒާރު ދީފައިވެއެވެ.