ސަރުކާރަށް ގޮންޖައްސަވަން "އައްޑާ"އެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ބޭނުންކުރާ ކަމަށްބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
ޑީއާރުޕީން ކުރި ޓުވީޓެއްގައި އެ ޕާޓީގެ ލީޑަރު މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައްވާފައިވަނީ މަޖިލީހުގެ ރައީސް ސަރުކާރަށް ގޮންޖެއްސެވުމަށް ރައްޔިތުންގެ މަޖިލިސް އައްޑާއެއްގެ ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާތީ ކަމަށެވެ. އަދި ކަން މިހެން ހިނގަމުންދާތީ މަޖިލީހުގެ ރައީސްގެ މަގާމަށް ނަޝީދު ހުންނަވަން ނުފެންނަ ކަމަށާއި އަދި ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ސިޓީގައި ޖާބިރު އެދިވަޑައިގެންފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ޑީއާރުޕީގެ މި ޓުވީޓުގައި ޖާބިރު ނަޝީދަށް ފޮނުއްވި ސިޓީވެސް ހިމަނާފައިވެއެވެ. އެގޮތުން މި ސިޓީގައި ޖާބިރު ވިދާޅުވީ މާލެ ފުރަބަންދުގެ ހާލަތުގައި ވަނިކޮށް ސަރުކާރަށް ގޮންޖައްސަވައި، މަޖިލިސް އިދާރާގައި ޖަލްސާ ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަން ޖެހޭ މަޖިލިސް މެންބަރުން ދަށު ދަރަޖައަކަށް ވައްޓާލުމަށް ހިންގެވި ޖަރީމާއެއް ކަމަށެވެ.
މީގެ އިތުރުން މިވަގުތަކީ ސަރުކާރަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ވަގުތެއް ކަމަށްވާ އިރު، މިވަގުތު ރައްޔިތުންގެ މަޖިލިސް ބޭނުންކުރަމުން ދަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި ކަމަށް މި ސިޓީގައި ޖާބިރު ވިދާޅުވެފައިވެއެވެ.
ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށްފަހު، ގިނަދުވަސްތަކެއް ވަންދެން އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށްފަހު މަޖިލީހުގެ ތަޅުމުގައި އަލުން ޖަލްސާތައް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.