ރައީސް ޔާމީން

ރައީސް ޔާމީންއަށް ހުރަސްއެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: ޕީޕީއެމް

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހިންގަވާފައި ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށް އެމަނިކުފާނަށް ހުރަސްއެޅުމަށްޓަކައި މަގުތަކަށް މީހުން ނުކުތުމަށް އެމްޑީޕީން ގޮވާލި ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައި ވާތީ އެމަނިކުފާނު ހިންގަވާފައި ވަޑައިގަތުމަށް ނިންމެވިކަން އެޕާޓީން އިއުލާން ކުރުމުން އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކައިރިއަށް އެއްވުމަށް އެމްޑީޕީން ގޮވާލާފައިވާ ކަމަށެވެ.

އަދި އެމަނިކުފާނު ހިންގަވާފައި ވަޑައިގަންނަވާއިރު، އެމަނިކުފާނަށް ގޯނާކޮށް، ހުރަސްއެޅުމަށް ގޮވާލާފައިވާކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ. ބަޔާނުގައި ބުނީ އެއީ ހަމަނުޖެހުމަކަށް ގޮސް ކުރިމަތިލުމަކަށް ދިއުމަށް މަގުފަހިކުރުމަށް އެމްޑީޕީ އިސްވެ އޮވެގެން ހިންގަމުންދާ ކަމެއް ކަމަށެވެ.

އެހެންކަމުން ސަރުކާރު ހިންގަމުންދާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެ އެފަދަ ކަންކަމަށް ގޮވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި މިވަގުތާއި ދިމާކޮށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމަށް ގޮވާލައި މަގުތައް ހަލަބޮލި ކުރުމަށް ގޮވާލި ގޮވާލުން ކުށްވެރިކޮށް، ޑިމޮކްރަސީއާ ބީރައްޓެހި އެފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް ވެސް ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ސިޔާސީ ޕާޓީތަކުން މަގުމަތީގެ އާންމު މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސިޔާސީ ޕާޓީތަކުން މަގުމަތީގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި އާންމު މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އަދި އެފަދަ ކަމަކަށް މަގުފަހިވާފަދަ ކަމެއް ނުކުރުމަށް ވަނީ ގޮވާލައްވައިފައެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށް ކުރިން ނިންމާފައި ވަނީ ހިންގަވާފައެވެ. ނަމަވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީންގެ އެދިވަޑައިގަތުމާއި ގުޅިގެން ފުލުސް އޮފީހަށް ވަޑައިގަތީ ކާރުކޮޅުގައެވެ.