ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވެރިކަމާ ހަވާލުވުމަށްފަހު މުސާރަތައް ބޮޑުކޮށްދޭނަން، މި ދުވަސްކޮޅު އެކަން ނުކުރޭ: އިބޫ

މި ދުވަސްކޮޅު އެއްވެސް މުއައްސަސާއެއްގެ މުސާރަ ބޮޑުނުކުރުމަށް ގޮވާލައި، ވައުދުވެވަޑައިގެންނެވި ގޮތަށް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރު އައިސް، މުސާރަތައް ބޮޑުކޮށްދޭނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިބޫ މި ދުވަސްކޮޅު މުސާރަތައް ބޮޑުނުކުރުމަށް އެދުނު އިރު، އިންތިހާބަށްފަހު މުސާރަ ބޮޑުކުރުން ފަދަ ކަންތައްތައް މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ މީގެ ކުރިން އެކަން ފާހަގަކޮށްފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފަނޑިޔާރުންގެ މުސާރަ ރިވިއު ކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ސިޓީއާ މެދު މަޝްވަރާ ކުރުމަށް ވެސް ތާވަލުކޮށްފައިވެއެވެ. ފަނޑިޔާރުންގެ މުސާރަ ރިވިއު ކޮށްދިނުމުގެ ކަންތަކުގައި އިބޫ ވިދާޅުވީ ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްދިނުމުގެ ކަންތައް ވެސް މިހާރަށް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާ ތަމްސީލުކުރައްވާ އިބޫގެ އިތުރުން އިންތިހާބީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް މާލިއްޔަތު ކޮމިޓީގެ މެންބަރުންނެވެ.