ޚަބަރު

ރިސޯޓު މުވައްޒަފުން ރަށަށް ދާން ރަޖިސްޓަރީ ވުމަށް އިތުރު ފުރުސަތެއް

އަލީ ޔާމިން

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުން ރަށަށް ދާން ރަޖިސްޓަރީ ވުމަށް އިތުރު ފުރުސަތެއްް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް 19އާ ގުޅިގެން، ރިސޯޓުތަކުގައި ވަޒީފާ އަދަކުރާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، ލޮކްޑައުންގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ބައެއް މުވައްޒަފުން ކުރިން ރަޖިސްޓަރީ ވާން ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރީވެފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުރިން ރަޖިސްޓަރީ ނުވެ ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި ރިސޯޓު މުވައްޒަފުންނަށް އިތުރު ފުރުސަތެއް ހުޅުވާލައިފައިވާ ކަމުގައި އެ އިއުލާނުގައި ވެއެވެ.

އެގޮތުން ޖޫން މަހުގެ އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ ހޮޓްލައިން (7223131) އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ [email protected] މެދުވެރިކޮށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.