ޚަބަރު

ދައުރު ދަންމާލުމަށްފަހު ކައުންސިލަރުންގެ އެއްވެސް ބާރެއް ހަނިކުރެވިގެން ނުވާނެ: މެންބަރު ޝިޔާމް

އިބްރާހިމް ޒަކީ

ކައުންސިލް އިންތިހާބު ބާއްވައި އާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭގޮތަށް ގާނޫނަށް ބަދަލުގެނަސް ދައުރު ދަންމާލި ނަމަވެސް ކައުންސިލްތަކުގެ ގާނޫނުން ކައުންސިލަރުންނަށް ލިބިދޭ އެއްވެސް ބާރެއް ހަނިކޮށްގެން ނުވާނެ ކަމައް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރު ޝިޔާމް މިހެން ވިދާޅުވީ، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްދާ ބަހުސްގެ ތެރެއިިން، އެކަން ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލާ ބެހޭގޮތުން މިރޭ ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީ ބަހުސްގައެވެ.

ދެން އިންތިހާބު ކުރާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބެވޭގޮތަށް ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށާއި، އެ މުއްދަގައި ތިބޭ ކައުންސިލަރުން އަމަލު ކުރަންޖެހޭގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް މަޖިލީހުން ހަދަންޖެހޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ހުށަހަޅުއްވައިފައެވެ.

އެކަމާ ގުޅިގެން ޝިޔާމު ވިދާޅުވީ، ކައުންސިލަރުން އަމަލު ކުރާނެގޮތް ކަނޑައަޅާފައިވާ، ބޮޑު ގާނޫނެއް އޮއްވައި ކައުންސިލަރުންގެ ދައުރާއި ބާރު އެހެން ގާނޫނަކުން އުނިކުރެވިގެން ނުވާނެ ކަމަށެވެ. އަދި އިންތިގާލީ ބައެއްގެ ގޮތުގައި ގާނޫނެއް ގެނެސްގެން ކައުންސިލްތަކުގެ ބާރު ކުޑަކުރުން ކުށްވެރިކުރާ ކަމައްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިހާރު އޮތް ބިލަށް އިސްލާހު ހުށަޅައިގެން ވެސް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެކަމަކީ މިއަދު ސްޕްރީމް ކޯޓުން މަޖިލީހަށް ދިން ލަފައާ ހިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެ ލަފާގޮތުން އެކަމަށް ހުށަހަޅަން ޖެހޭނީ އާ ބިލެއް ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ބަަލައިވެސް ނުލައި މަޖިލިސް މަސައްކަތްކުރަނީ ހުދުމުހުތާރު ވެރިޔަކު މަސައްކަތް ކުރާ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.