ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އިއްޔެ އާއި މިއަދުވެސް އިތުރު 393 މީހަކު ގައުމަށް ފުރުވާލައިފި އެވެ.
މި މީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރުވާލާފައި ވަނީ ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. އެ ގޮތުން އިއްޔެ 198 މީހުން އަދި މިއަދު 195 މީހަކު ފުރުވާލާފައިވާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ސީދާ އަދަދެއްވެސް ހޯދިފައި ނުވާ އިރު، އެ އަދަދު 60000 އަށް ވުރެ ގިނަ ވާނެ ކަމަށް ރަސްމީ އެކި އިދާރާތަކުން ވަނީ އަންދާޒާ ކޮށްފަ އެވެ. ރާއްޖޭގައި ކޮވިޑް 19 ފެތުރެން ފެށުމުން އެ ބަލި އެންމެ ގިނައިން ޖެހިފައި ވަނީ ވެސް ބިދޭސީންނަށެވެ.
ރާއްޖެއިން މިހާތަނަށް 1547 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1006 މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން 806 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.