އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އިއުލާންކޮށްފައިމިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމަށް ބެލެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ބުނެފައިވަނީ، ކައުންސިލަރުންގެ ދައުރު އިތުރުކުރަން ގާނޫނު އަސާސީ އިސްލާހު ކުުރުމުގެ މައްސަލަައިގައި، ރައްޔިތުންގެ މަޖިލީހުުގެ އެދުމުގެ މަތިން ސުޕްރީމް ކޯޓުން މިއަދު ދީފައިވާ އިސްތިރާޝީ ލަފާގައެވެ.
ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ބުނާ މައްސަލައިިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މަނާވާ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. މިހާރު ރާއްޖޭގައި އޮތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރެއްވި ހާލަތެއް ކަމަށްވެފައި، އެ ގާނޫނަކީ ގާނޫނު އަސާސީއަށް ވުރެ ފަހުން އައި ގާނޫނެއް ކަމަށް ވާއިރު، ގާނޫނު އަސާސީ އިސްލާހު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ލަފާގައިވެއެވެ.
"މި ފާހަގަކުރި ކަންތައްތަކަށް ބަލާއިރު އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާއްމު ސއިްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމަށް މީނިސްޓްރީ އޮފް ހެލްތުން އިއުލާންކޮށްފައި އޮތް އޮތުމަކީ، ގާނޫނު އަސާސީގެ 267 ވަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލުގެނައުން މަނާކޮށްފައިވާ ހާލަތެއް ކަމައްް ބެލެވޭނެ އެއްވެސް ހަމައެއް އޮތްކަަމަށް ނުފެނެއެވެ،" ގާނޫނު އަސާސީގެ 11 ވަނަ ބާބާއި އާއްމު ސިއްހަތުގެ ގާނޫނާއި ގާނޫނު އަސާސީގެ 267 ވަނަ މާއްދާއަށް ހަވާލާދީ ސުޕްރީމް ކޯޓުގެ ލަފާގައި ބުނެފައިވެއެވެ.
ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މައްސަަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ބައެއް މެންބަރުން ވިދާޅުވަނީ މިއީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.
އެ މެންބަރުން ވިދާޅުވަނީ މިއީ ރައީސުުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އިއުލުނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލާތެއްކަމުން ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ބުނާ ކުއްލި ހާލަތަށް މިހާލަތު ފެތޭނެ ކަމަށެވެ.