ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖަކްޓްސް (އެޗްއައިސީޑީޕީ) ހިންގުމަށް އިންޑިއާ ސަރުކާރުން ދޭ އެހީގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ ގޭދޮށު މަސް ޕްލާންޓް ތައްޔާރުކޮށް ހިންގުމަށް މިއަދު އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގެވެ. އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަލީލެވެ.
އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 280 ދުވަހުގެ ތެރޭގައި މަސް ޕްލާންޓް ނިންމައި ހިންގަން ފަށަން ޖެހޭނެއެވެ.
އެ މަޝްރޫއަށް ހޭދަވާ ހަ މިލިއަން ރުފިޔާ ހަރަދުކުރަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނެވެ. ފުރަތަމަ ފިޔަވަހީގައި އެ މަޝްރޫއަށް 3.2 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.
ގޭދޮށު މަސް ޕްލާންޓް ތައްޔާރުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހިތަދޫގައި މަސް ޕްލާންޓް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، މަހުގެ ބާވަތްތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކުރާ މި މަސް ޕްލާންޓުގައި މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.