އޭޕްރީލް މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު، ކޮވިޑް 19 އާ ގުޅިގެން ފަސްކޮއްފައިވާއިރު، އަންނަ މަހުގެ ތިނަކަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެގެން ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް އިންތިގާލީ މާއްދާއެއް ހިމަނައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދިނުމާ ގުޅިގެން ރައްިޔތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މިރޭ 9:00 ގައި ފަށާ މި ޖަލްސާއަށް ފުރަތަަމަ ކަމަކަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މި ބިލަކީ މިދިޔަ ބުދަދުވަހު މަޖިލީހުގައި ބަހުސްކޮށް، މަޖިލީހަށް ބަލައިގަނެ މުލި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާ ބިލެކެވެ.
އެހެންކަމުން ބެލެވެނީ މިރޭގެ ޖަލްސާގައި މި ބިލަށް ކުރިއަށްދާނީ މުޅި މަޖިލީހުގެ ކޮމިޓީ ބަހުސް ކަމަށެވެ.
ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅި މައްސަލައިގައި، މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
ބައެއް މެންބަރުން ވިދާޅުވަނީ މި ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށެވެ.
މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައަކަށް ހުށަހެޅީވެސް އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި މަޖިލީހުން ލަފާ ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ދެ ނުކުތާއެއްގެ މައްޗަށެވެ. އެއީ "އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް، ގާއިމުވެ އާ އިންތިހާބެއް ބޭއްވުމާ ހަމައަށް ދިމާވާ ގާނޫނީ ހުސްކަން، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ގާނޫނީ ހަމައަކީ ކޮބައިތޯ، އަދި ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކައް މެންބަރުން އިންތިހާބު ކުރާގޮތް ބަޔާންކޮށްފައިވާއިރު، ގާނޫނު އަސާސީގެ އެ މާއްދާ އިސްލާހު ކުރުމެއްނެތި ގާނޫނު އަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރުވަނަ މާއްދާއަށް އިސްލާހު ގެނެސް މިހާރު އިންހާބުވެފައި ތިބި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން، އެމީހުންގެ މަގާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމުން ކުރިމަތިވެދާނެ ގާނޫނީ މައްސަލަތަަކަކީ ކޮބައިތޯ،" އޮޅުން ފިލުވުމަށެވެ.