ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަޝްރޫއުއަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދޭތޯ ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ބޮސްކާލިސް ކުންފުނީގެ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށް ގުޅީފަޅު ހިއްކުމަށް ވެލި ނެގުމުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އެ މަޝްރޫއުގެ ކުރިއަށްދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ. އަދި ދެވަނަ ފިޔަވަހީގައި 14 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގާނެއެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެއެވެ.
އެގޮތުން ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް ބިން ހިއްކާއިރު، ވެލި ކަނޑަށް ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މޫދު ކިލަނބުވުން ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހިއްކަން ވެލި އަޅާއިރު، ވެއްޔަށް ބޭރު ނުވެވޭނެހެން ފަޅުގެ ބޯޑަރު ވަށައިގެން "ސޭންޑް ބަންޑް" ޖަހައިގެންނެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ވިލިމާލެއާ ކައިރިން ކުރަމުން އަންނައިރު އެކަމުގެ ސަބަބުން ވިލިމާލެ ފަރާއި ފަޅުތެރެއަށް ވަރަށް ބޮޑަށް ކިސަޑު ފެތުރެން ވަނީ ފަށައިފައެވެ. އަދި އެކަމާ ގުޅިގެން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށާފައިވާ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުންނާއި ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.
މި ކަންބޮޑުވުންތަކާއެކު އީޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އެ އެޖެންސީން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތާއެކު ތިމާވެއްޓަށް ކުރާނެ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭނެ ކަމަށް އީއައިއޭގައި ހުއްދަ ދީފައިވާ ފިޔަވަޅުތައް އަޅަމުންދާކަން ޔަގީންކުރާނެ ކަމަށް ބުނެފައިވެއެވެ.
ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.