ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދަށް ތަބާ ވުމަށާއި ދެވޭ ހުއްދަތަކުގެ ނާޖާއިޒު ފައިދާ ނުނެގުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ގެނެސްފައިވާ ލޮކްޑައުނަށް ލުއި ދިނުމަށް ނިންމާފައިވަނީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކަމަށެވެ.
މީގެ އިތުރުން ލޮކްޑައުނަށް ލުއި ތަކެއް ދެވުނު ނަމަވެސް ކޮވިޑް 19ގެ ނުރައްކާ އޮތްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި ކަމާ ބެހޭ އިދާރާ ތަކުގެ އިރުޝާދަށް ތަބާ ވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އިމްރާން ވަނީ ކޮންމެހެން ނިކުންނަން ނުހެޖޭނަމަ ގެއިން ނުނިކުތުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެކި ކަންކަމުގައި ރައްޔިތުންނަށް ދެވޭ ހުއްދަތަކުގެ ނާޖާއިޒު ފައިދާ ނުނެގުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މާލެ ސަރަހައްދު އަދިވެސް ލޮކްޑައުންގައި އޮތް އިރު، އެ ލޮކްޑައުންއަށް އިއްޔެއިން ފެށިގެން ލުއިތަކެއް ވަނީ ދޭން ފަށައިފަ އެވެ.