އުމުރުން 60 އަހަރުން މަތީގެ ތިން އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ މީދޫގައި 64 އަހަރުގެ ދިވެހި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލަ އެއް ފުލުހުންނަށް ހުށަހެޅުމާއި އެކު ފުލުހުން ބެލި ބެލުމުން ހަމަ އެދުވަހު އިތުރު ދެ އަންހެނަކަށް ވެސް އެމީހާ ޖިންސީ ގޯނާ ކޮށްފައިވާ ކަން އެނގިފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު 10:35 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ބެލި ބެލުމުން އެއަމަލު ހިންގި މީހާ ވަނީ ހަމަ އެދުވަހު 66 އަހަރުގެ އަންހެނަކާއި 65 އަހަރުގެ އަންހެނަކަށް ވެސް ޖިންސީ ގޯނާ ކޮށްފައި ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.