އިބްރާހިމް ޒަކީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޗައިނާ ސްޓޭޓް ހިޔާ ކަރަންޓީން ފެސިލިޓީގައި މީހުން ބޭތިއްބުމުގެ ކުރިން ރަނގަޅުކުރުމަށް ހަތްކަމެއް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމުން އެ ފެސިލިޓީއަށް ކުރި މޮނިޓަރިން ޒިޔާރަތަށްފަހު މިއަދު އާއްމު ކުރި ރިޕޯޓުގައި ބުނެފައިވަނީ، އެތަނަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި ރަނގަޅުކުރަން އަންގާފައިވާ ކަންތައްތަކުުގެ ތެރޭގައި، އެތަނުގެ ފެންވަރާ ތަނުގައި އެކަކު އަނެކަކު ފަރުދާ ވެގެން ތިބެ ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، ކޮވިޑް 19އާ ގުޅިގެން އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ އުސޫލާ އެއްގޮތަށް ނިދުމުގެ ކަންތައްތައް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެ ފެސިލިޓީގައި ފުރަތަމަ އެހީއަށް ބޭނުންވާ ތަކެއްޗާއި، ބޭސް އަދި އާލާތްތައް ފުރިހަމަކޮށް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިފަދަ ފެސިލިޓީތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފެސިލިޓީގައި މީހުން ބެއިތިއްބުމަށް ހަމަޖެހިފައިވާ އަދަދަށް ބަލައި، މޫނު ދޮވުމަށާއި އަތް ދޮވުމަށް ބޭނުންކުރާ ތަންތަން އިތުރުކުރުމަށާއި، ފެސިލިޓީގެ ސެކިއުރިޓީ އެންމެ އެދެވޭ ގޮތަށް ބެލެހެއްޓުމަށް ކެމެރާ ސިސްޓަމްތައް ގާއިމުކުރުމަށާއި އަދި ފެސިލިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އަލިފާން ނިއްވައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެއިތުރުން، އެ ހުށަހެޅުންތަކުގައިވާ ކަންކަން އިސްލާހުކުރުމަށްފަހު މެނުވީ މި ފެސިލިޓީގައި މީހުން ކަރަންޓީނު، ނުވަތަ ސިއްހީގޮތުން އެކަހެރި ނުކުރުމަށް ދަންނަވާފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
ޗައިނާ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވަނީ 800 އެނދުގެ ފެސިލިޓީއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފެސިލިޓީގައި 84 ފާހަނާ އަދި ފެންވަރާ ތަންތަނާއި އެއްފަހަރާ 175 މީހުންނަށް ކާން ތިބެވޭނެ ޖާގައަކާއި ބަދިގެއެއް ހިމެނެއެވެ.