ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާއްސަ ހާލަތާއި ގުޅިގެން، މުދާ ގެންނަ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން ހދ. ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑާއި ސ. ހިތަދޫ ޕޯޓް ޕްރައިވެޓް ލިމިޓެޑުން ވެސް ބައެއް ފީތައް ވަކި މުއްދަތަކަށް ނުނެގުމަށް އެދެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން ބުނީ މިދިޔަ މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ފަހަކާއި ހަމަޔަށް ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓަށް ބާލާފައިވާ ހުރިހާ ބާވަތެއްގެ މުދަލާއި އަދި މި މުއްދަތުގެ ކުރިން އެ ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން މިދިޔަމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ފްރީ ސްޓޯރޭޖް ހަމަވެފައި ނުވާ މުދަލުގެ ސްޓޯރޭޖް (ޑެމަރޭޖް) ފީ ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެމްޓީ ކޮންޓެއިނާ ސްޓޯރޭޖް ފީ ވެސް މިދިޔަ މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ ފަހަކާއި ހަމަޔަށް ނުނަގާ ގޮތަށް އެދެކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޖުލައި 5 ގެ ކުރިން ކްލިއާ ކުރާ މުދަލަށް ވެސް މި އުސޫލުގެ ދަށުން އަމަލު ކުރާގޮތަށް ނިންމާފައިވާ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.
ކޮވިޑް 19 އާ ގުޅިގެން ލޮކްޑައުންގެ މުއްދަތުގައި ގެނެސްފައި ހުންނަ މުދާތަކަށް ޑެމަރޭޖު ނާރާނެ ކަމަށް އެމްޕީއެލުން ވެސް ވަނީ ބުނެފައެވެ.