ސަދަގާތް ކުރުމުގައި އިހުލާސްތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފި އެވެ.
ސަދަގާތް ކުރުމުގެ މާތްކަމާއި އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރު ކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ވަނީ، ދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ، އިސްލާމް ކަމުގެ ނިއުމަތް ކަމަށެވެ.
"އިސްލާމް ދީނަކީ އެދީނުގެ އެންމެހައި ހުކުމްތަކުގައި، ތަފާތު އެތަކެއް، ހިކުމަތްތަކެއް އެކުލެވިގެންވާ ދީނެއް، މާތް ﷲ ވާޖިބު ކުރެއްވި ކޮންމެ އަޅުކަމެއްގެ ފަހަތުގައި ވަނީ، ތިމާގެ ނަފްސު ތާހިރު ކުރުން. ތިމާ އާއި ތިމާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް ހަރުދަނާ ކުރުން. ތިމާގެ ވަށައިގެންވާ އަފްރާދުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ މަތިވެރި އުސޫލުތައް ދިރުވައި އާލާ ކުރުން،"
ހުތުބާގައި ބުނެފައިވަނީ މިދިޔަ ރަމަޟާން މަހާއި، އީދު ދުވަހުގެ ޒިކުރާ އާކުރާއިރު ހަނދާނަށް ގެންނަންވީ އެންމެ ބޮޑު އެއްކަމަކީ، ފިތުރު ޒަކާތް ކަމަށާއި، މާތް ﷲ އަށްޓަކައި އެކަލާނގެ އެންގަވައިގެން އަޅުގަނޑުމެންގެ މުދަލުން ފަގީރުންނާއި، މިސްކީނުންނަށް ކުރި ހޭދަ ކަމަށެވެ.
"މާތް ﷲގެ މަގުގައި ހޭދަ ކުރުމަކީ ވަރަށް މަތިވެރި އަޖުރާއި، ސަވާބެއް އެކަމުގައި އެކުލެވޭ ކަމެއް. މާތް ﷲގެ ރުހިވޮޑިގަތުމާއި މަޣްފިރަތު އެމީހަކަށް ލިބުމަށް އޮތް މަގެއް. މިފަދަ ހެޔޮ އަަމަލުތަކަކީ ވަކި މަހަކަށް ހާއްސަ ކަންކަމެއް ނޫން. މާތް ﷲ ގެ މަގުގައި ހޭދަ ކުރުމާއި ހެޔޮ އަމަލުތަކަކީ މުޅި އަހަރު ތެރޭގައިވެސް ކުރަންވާނެ ކަންކަން،"
ހުތުބާގައި ބުނެފައިވަނީ މުދަލަށް ލޯބި ކުރުމާއި، މުދަލަށް ދަހިވެތި ވުމަކީ އިންސާނާގެ ފިތުރަތުގައިވާ ކަމެއް ކަމަށެވެ. އެހެންކަމުން "އަޅުގަނޑުމެންނަށް އޮތީ، އަމިއްލަ އެދުމާއި، ހަވާނަފުސާ ދެކޮޅަށް، މާތް ﷲ ގެ މަގުގައި ހޭދަކުރުން. މާތް ﷲގެ ރުހިވޮޑިގަތުން ލިބޭތޯ ސަދަގާތް ކޮށް އުޅުން. ސަލާމަތާއި ފަލާހާއި ކާމިޔާބީ އޮތީ އެގޮތަށް އަމަލުކޮށްގެން ކަމަށްވެސް،" ބުނެފައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ މުދަލަކީ އިމްތިހާނެއް ކަމަށާއި، އެއީ ވަގުތީ އުފަލެއްދީ ފަނާވެދާ އެއްޗެއް ކަމަށެވެ. އޭގެން ތިމާއަށް ފައިދާ ކުރާނީ ޝަރީއަތުގައި، އެމުދާ ހޭދަކުރަން ޖެހޭ އެންމެހައި ކަންކަމުގައި ހޭދަ ކުރުމުންކަމަށްވެސް ބުނެފައި ވެއެވެ. ސަދާގާތް ކުރުމަކީ މަރުވުމަށްފަހުގައިވެސް ދަރުމަ ލިބިލިބި ހުންނާނެ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އިހުލާސްތެރިކަމަކީ ކޮންމެ ހެޔޮ އަމަލެއްގެ މައި ތަނބު ކަމަށާއި، އިހުލާސްތެރިކަމެއް ނެތި ކުރެވޭ ސަދަގާތަކީ ރަން ފަރުބަދައެއް ކަމަށްވިޔަސް އެއީ އެއްވެސް އަގެއްހުރި އަމަލެއް ނޫން ކަމަށާއި، އެފަދަ މީހެއްގެ އަމަލު ވާނީ ބާތިލު އަމަލަކަމަށެވެ.
ސަދަގާތް ދިނުމަށްފަހު ކަލަ ގޮވައި، ސަދަގާތް ކުރެވުނު ފަރާތްތަކަށް އެކަން ތަކުރާރުކޮށް ހަނދާން ކޮށްދީ، އެބަޔަކަށް އުނދަގޫކޮށް އުޅުމަކީ ތިމާކުރި ސަދަގާތް ބާތިލުވާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.