ޝަހީދާ އަބްދުﷲ ސައީދު
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ''ގެސްޓްހައުސް ސިމްޕޯޒިއަމް 2018'' މިމަހުގެ 29 ވަނަ ދުވަހު ދަރުބާރުގޭގައި ބާއްވަން ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
އެކަން ހާމަކުރައްވާފައި ވަނީ އއ. ރަސްދޫގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.
އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރަސްދޫގައި އެކަން ހާމަކުރެއްވީ ރަސްދޫއަކީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން 160 އެނދާއެކު 15 ގެސްޓް ހައުސް ހިންގަމުން އަންނަ އަދި ލޯކަލް ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ވަރުގަދަ ރަށަކަށް ވާތީ ކަމަށެވެ.
ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ގެސްޓްހައުސްއަކަށް ދައުވަތު ދޭނެ ކަމަށާއި ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކުގެ ޚިޔާލާ އެއްކޮށް ގެސްޓްހައުސް ސެކްޓަރގައި ހުރި މައްސަލަތައް ދެނެގަނެ އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ގެސްޓްހައުސް ވިޔަފާރީގެ ސަބަބުން މުޖުތަމައުތަކަށް ލިބޭ މަންފާތަކަށް އިތުރަށް ވާސިލްވުމުގައި ބޭނުންވާނެ ކަންތައްތައް ދެނެގަތުން އޮންނާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އެކަނި ކަރުދާސް ހުށަހެޅުމުގެ ބަދަލުގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.
އަދި އެފަރާތްތަކުގެ ކަރުދާސްތައް ސަރުކާރާ ހިއްސާކޮށް، އެފަރާތްތަކުގެ ވާހަކަތަކާއި، އަޑުތައް ސަރުކާރާ ހިއްސާކުރުމުގެ ފުރުޞަތު ގެސްޓްހައުސް ސިމްޕޯޒިއަމްގެ ތެރެއިން ލިބިގެންދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިމަހުގެ 29 ވަނަ ދުވަހު ބާއްވާ ގެސްޓްހައުސް ސިމްޕޯޒިއަމް ބޭއްވުމަށް ނިންމާފައިވަނީ އެއް ދުވަހުގެ މުއްދަތަށެވެ.