އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޭޕީމާކެޓުން އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާ ކްލިނިކުން އަންނަ ހަފުތާގައި ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ ކަމަށް އެކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހިދުމަތް އަންނަ ހަފުތާގައި ފެށޭނެ ކަމަށެވެ. އަދި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް މިހާރު އެދިފައިވާ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އިހްސާން މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ޓެސްޓު ކުރާ މެޝިން ފޭދޫ އަށް ފޮނުވޭނެ ކަމަށާއި އެގޮތުން އަންނަ ހަފުތާއިން ފެށިގެން ގަޑިޔަކު 36 ޓެސްޓް ހެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނެ ގޮތް އެނގޭނީ ސަރުކާރުން ދޭން ޖެހޭ ހުއްދަތައް އަޅުގަނޑުމެންނަށް ދިނުމުން. އެ ހުއްދަތައް ލިބުމާއިއެކު އަޅުގަނޑުމެން އާންމުންނަށް ޓެސްޓުތަކަށް އެދެން ހުޅުވައިލާނަން،" އިހުސާން ވިދާޅުވި އެވެ.
ޓެސްޓުކުރަން އޮންނަ ހާއްސަ ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅި، ޓެސްޓުކުރެވޭނީ ކޮން ބައެއްކަން އަދި ކިހާ އަގެއްގައި ކަން ކަނޑައެޅޭނީ ސަރުކާރުން ހުއްދަ ދިނުމުންކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ އައްޑޫ ސިޓީގެ އެހެން ރަށްރަށުންވެސް ޓެސްޓުކުރުމަށް ސާމްޕަލްތައް ނަގައި އެކްލިނިކަށް ގެނެސްދިނުމުން ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
އައްޑޫ ސިޓީގައި ބޮޑު އާބާދީއެއް އޮތް ނަމަވެސް، އެ ސިޓީގައި ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނެ މަޖިލިސް މެންބަރުންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖޭގައި ކޮވިޑު 19 އަށް ޓެސްޓު ކުރެވެނީ ހަމައެކަނި މާލެ އިންނެވެ. ނަމަވެސް އަންނަ މަހު އައްޑުއަތޮޅުން ކޮވިޑް 19 އަށް ޓެސްޓް ކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.