ކޮވިޑް 19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި މީހަކު މަރުވި ވާހަކައަކީ ދޮގެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފޭސްބުކްގައި އަހުމަދު މުއާޒް ނަމަކަށް ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިފް އީސާ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެ ފޮޓޯއަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި މިފަދަ ދޮގު މައުލޫމާތު ފެތުރި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.