ޚަބަރު

މައިމީހާގެ ބަނޑުތެރެޔަށް ދަރިފުޅު މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ކުއްޖަކު މަރުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އަލީ ޔާމިން

މާބަނޑު މީހާގެ ބަނޑުތެރެޔަށް ދަރިފުޅު މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ތުއްތު ކުއްޖަކަށް ފަރުވި ނުދެވި މަރުވި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ހުށަހެޅުއްވީ، ށ. ނަރުދޫ މާބަނޑު މީހާގެ ބަނޑުތެރެޔަށް ދަރިފުޅު މަރުވި މައްސަލައާއި އއ. ތޮއްޑޫ މާބަނޑު މީހާގެ ބަނޑުތެރެޔަށް ދަރިފުޅު މަރުވި މައްސަލައިގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އުމުރުން ހަތަރު އަހަރުގެ ތުއްތު ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ޝިޔާމް ފޮނުވި ސިޓީގައި ވަނީ، މެއި މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫ މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އަދި ތޮއްޑޫގައި މާބަނޑު މީހާއަށް ފަރުވާލިބޭނެ ގޮތެއް ނުވެ މައިމީހާގެ ބަނޑުތެރެޔަށް ދަރިފުޅު މަރުވި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މޭ މަހުގެ 25 ވަނަ ދުވަހު ށ. ނަރުދޫ މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި، ފަރުވާ ދިނުމުގައި ލަސްތަކެއްވުމުން މައިމީހާގެ ބަނޑުތެރެޔަށް ކުއްޖަކު މަރުވި މައްސަލައެއްވެސް ފެންމަތިވެފައިވާ ކަމަށާއި، މިމަހުގެ 22 ވަނަ ދުވަހު ހާލު ދެރަވެގެން އޭޑީކޭ ހޮސޕިޓަލަށް ގެންދިޔަ ހަތަރު މަހުގެ ކުއްޖާ މަރުވީވެސް ފަރުވާ ދިނުމުގައި އިހުމާލުތަކެއްވާތީ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ ތިން މައްސަލަ ތަގުގީގުކޮށްދިނުމަށް އެދޭ ކަމަށް ސިޓީގައިވެއެވެ.

ނަރުދޫ އަންހެނެއްގެ ބަނޑުތެރެޔަށް ކުއްޖާ މަރުވި މައްސަލައިގައި، ނަރުދޫ ހެލްތު ސެންޓަރުން ބުނީ، ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އޭޑީކޭއަށް ގެންދިޔަ ކުއްޖާ މަރުވީ ފަރުވާދެމުން ދަނިކޮށް ކަމަށް އޭޑީކޭއިން ބުނެއެވެ. އޭޑީކޭއިން އަންނަނީ އެ މައްސަލައިގެ ކޭސް ރިވިއުއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ތޮއްޑޫގައި މާބަނޑު އަންހެނެއްގެ ބަނޑުތެރެޔަށް ކުއްޖާ މަރުވުމުގައި އިހުމާލު އޮތްކަމަށް އާއިލާއިން ތުހުމަތުކުރާއިރު، ސަރުކާރުން ވަނީ ބަލިމީހާ އެހެން ރަށަކަށް ގެންދިއުމަށް އާސަންދަ ހަމަޖައްސައިދީފައިވާނެ ކަމަށް ބުނެފައެވެ.