ޚަބަރު

ސިއްހީ ހިދުމަތުގެ ފެންވަރު ބަލަންޖެހޭ ކޮމިޝަނަރު އައްޔަން ނުކުރި ސަބަބު އޮޅުންފިލުވައިދިނުމަށް ކޮމިޓީން އެދިއްޖެ

އިބްރާހިމް ޒަކީ

ސިއްހީ ހިދުމަތްދިނުމުގެ ގާނޫނުގެ ދަށުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން "ކޮމިޝަނާ ޖެނެރަލް އޮފް ކޮލިޓީ އެޝުއަރެންސް"ގެ މަގާމަށް މީހަކު އައްޔަނުކޮށްފައިނުވާ މައްސަލަ އޮޅުންފިލުވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ސީއެސްސީއާއި ހެލްތު މިނިސްޓްރީއަށް އަންގައިފިއެވެ.

ގާނޫނަށް އަމަލުކުރާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީ އިރުވެސް، ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅަންޖެހޭ ކޮމިޝަނާ ޖެނެރަލް އޮފް ކޮލިޓީ އެޝުއަރަންސްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިނުވާ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ.

އުޝާމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިރޭ ބޭއްވި ޖަލްސާގައި އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން މެންބަރު އުޝާމް ވިދާޅުވީ، ސިއްހީ ހިދުމަތްދިނުމުގެ ގާނޫނަކީ، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު މަޖިލީހުން ފާސްކުރި ގާނޫނެއް ކަމަށާއި އެ ގާނޫނަށް އަމަލުކުރަން ފެށީ، އޭގެ އެއް އަހަރު ފަހުުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތެއްގައި ކަމަށެވެ.

އެ މަގާމަށް މީހަކު އައްޔަންކުރަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނުން ކަަމަށް ގާނޫނުގައި ބުނެފައިވާ އިރު، އެކަމުގައި ސީއެސްސީގެ އިހުމާލު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަގާމަކީ ހެލްތު މިނިސްޓްރީގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ މަގާމަަކަށްވާތީ، އެކަން ނުކުރެވި އޮތް ސަބަބުން އޮޅުންފިލުވުމަކީ މިނިސްޓްރީގެ ކަމަކަށްވާއިރު އެކަމުގައި މިނިސްޓްރީގެ އިހުމާލުވެސް އޮތް ކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ނުވެ އޮތް ސަބަބު އެ ދެ ފަރާތުން ކޮމިޓީއަށް އޮޅުންފިލުވައިދިނުމަށް ކޮމިޓީން އެންގުމަށް އުޝާމް ހުށަހެޅުއްވިއެވެ.

އުޝާމްގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް ވިދާޅުވީ، އެމަގާމަށް މީހަކު އައްޔަންކޮށްފައި ހުރިނަމަ ކޮވިޑް 19ގެ މި ދަނޑިވަޅުގައި ވަރަށް ގިނަ ކަންތައްތައް ކުރެވުނީސް ކަމަށެވެ. އަދި އެއީ އެ ފަރާތްތަކުގެ އިހުމާލެއް ނަމަވެސް އެކަން އެގޮތަށް ނިންމުމުގެ ކުރިން އެ ފަރާތްތަކުގެ ބަހެއް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވެސް ސަނީފުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. އަދި އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު އިންކާރު ނުކުރައްވާތީ، އެކަން އޮޅުންފިލުވައިދިނުމަށް އަންގައި އެ ދެ މުއައްސަސާއަށް ކޮމިޓީން ސިޓީއަކުން އެދުމަށް ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނިންމެވިއެވެ.

ގާނޫނު ނަންބަރު 29/2015 ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން، މި ގާނޫނުގެ ދަށުން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، އިޖުރާއާތުތަކާ އެއްގޮތަށްތޯ ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް" ގެ ނަމުގައި މަގާމެއް އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި 25 ވަނަ މާއްދާގައި ބުނެފައިވަނީ، ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމާއި، ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުން އަންނަ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހު ކުރުމެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމާއި، އެފަދަ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވައިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހުކުރަން އެންގުންވެސް ހިމެނެއެވެ.

ކޮމިޝަނަރު އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ފިޔަވަޅު އެޅުމާއި، ތަންތަނުންދޭ ސިއްހީ ހިދުމަތާ ގުޅޭގޮތުން އެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގުކުރުންވެސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެެއެވެ.

މީގެ އިތުރުން ސިއްހި ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިޝަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހުގީގުކުރުން ވެސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.