އިތުރު 56 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1513 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި ބަންގުލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ތިން މީހެއް ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަދިވެސް އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރީންނެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މީހުން ނިސްބަތްވަނީ ބަންގުލަދޭޝްއަށެވެ. ބަންގުލަދޭޝްގެ 785 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 529 ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 149 މީހަކާއި ނޭޕާލުގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަ މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. ދެން ހިމެނެނީ އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.