ޚަބަރު

އަންނަ މަހުގެ 17ގައި ޕްރިމިއާ ލީގު ފަށަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު އަންނަ މަހުގެ 17 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެންމެ ފުރަތަމަ ދުވަހު ކުޅޭނީ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗެވެ. އަދި ހަމަ އެދުވަހު އެސްޓަން ވިލާ އާއި ޝެފިލް ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ.

ޖޫން 20 އިން ފެށިގެން ލީގު މެދު ކަނޑާލި ހިސާބުން ފަށައި، ތާވަލާއި އެއްގޮތަށް މެޗްތައް ކުޅެ ސީޒަން ނިންމާލާ ގޮތަށް ޕްރިމިއާ ލީގުގެ ބޯޑުން ވަނީ ނިންމައިފައެވެ. ލީގުގައި ކުޅޭ ގިނަ ޓީމްތަކުންވަނީ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށައިފައެވެ.

ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާތީ އިނގިރޭސި ޕްރިމިއާ ލީގު މެދު ކަނޑާލީ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އިނގިރޭސި އެފްއޭ އިން މަޝްވަރާ ކުރަމުން އަންނަނީ ސީޒަން ނިންމާލުމުގެ ގޮތުން ސަޕޯޓަރުން ނުވައްދައި ވެމްބްލީ ސްޓޭޑިއަމްގައި ހުރިހާ މެޗެއް ކުޅެ ނިންމާލުމަށެވެ.