ޚަބަރު

އުމްރާއަށް ގޮސް ޕާސްޕޯޓު ގެއްލިގެން ނުފުރުނު މީހާ މައްކާގައި، ތިން ދުވަސްތެރޭގައި ފުރޭވަރުވާނެ

ޝަހީދާ އަބްދުﷲ ސައީދު

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ޕާސްޕޯޓް ގެއްލި ފުރޭނެ ގޮތެއް ނެތިފައި ހުރި ދިވެހި މީހާ މިހާރު ހުރީ މައްކާގައި ކަމަށާއި ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ފުރޭވަރުވާނެ ކަމަށް އޭނާ ބުނެފިއެވެ.

ނަން ހާމަނުކުރުމަށް އެދި ''ވަންއޮންލައިން"އަށް މިއަދު މައުލޫމާތު ދެމުން އޭނާ ބުނީ އޭނާ އާއި އޭނާގެ އެހީތެރިޔާގެ ގޮތުގައި މަޑުކުރި އޭނާގެ ބޭބެއާ ދެމީހުން މިހާރު ތިބީ މައްކާގެެ ހޮޓަލުގައި ކަމަށެވެ.

އަދި ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ފުރޭ ވަރުވާނެ ކަމަށާއި އިއްޔެ އާއި މިއަދަކީ އެގައުމުގައި ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވުމާއެކު ޕާސްޕޯޓް ހެއްދުމުގެ ކަންކަން ނުކުރެވި މަޑުކޮށްގެން ތިބެން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

ނިމްސާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ އެ މީހާ ބުނީ ގޮތުގައި ޕާސްޕޯޓްތައް ހަވާލުކުރީ ގުރޫޕާ ކަމަށާއި، ގެއްލުނުކަން އެނގުނީ އިއްޔެރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަން އޭނާއަށް އެންގީ އިއްޔެ ހުކުރު ނަމާދު ވަގުތުގައި ކަމަށާއި ނަމަވެސް ފުރޭނެ ކަމަށް ގްރޫޕު އަދި އެހެނިހެން ބައެއް ފަރާތްތަކުން ވެސް ބުނުމުން ފުރަން ދިޔަ ނަމަވެސް ނުފުރުނު ކަމަށެވެ.

''ފާސްޕޯޓް ގެއްލުނު ކަމަށް ބޮޑަށް ބެލެވެނީ މައްކާއިން. މަދީނާގައި ތިބި ހޮޓަލުން ބެލި ބެލިއިރު އޭތާގެ ސިސްޓަމުން ދައްކަނީ އެހޮޓަލުން ބޭރުވެފައިވާ ކަމަށް. ގްރޫޕުގެ އިހުމާލުން ވީ ކަމަކަށް ވާތީ ގެއްލުމުގެ ހުރިހާ ޒިންމާއެއް ގްރޫޕުން ނަގާނެ ކަމަށް ބުނި އަދި ހުރިހާ ކަމެއްވެސް ކޮށްދެމުން އަންނަނީ ގްރޫޕުގެ ހަރަދުގައި. އަދި އެއްވެސް ކަމަކަށް ދައްޗެއްނުވޭ. ކުރިއަށް އޮތް ތިން ދުވަސްތެރޭގައި ފުރޭނެ ކަމަށް ގްރޫޕުން ބުނެފައި އޮތީ.'' އޭނާ ބުންޏެވެ.