ޚަބަރު

ތުރީލައިން ވިޕާ ދެކޮޅަށް ވޯޓު ދިން މެންބަރުންގެ މައްސަލަ ބަަލައި ގަވައިދުގައި ބުނާ ފިޔަވަޅު އަޅާނެ: އަލީ އާޒިމް

އިބްރާހިމް ޒަކީ

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމައް ސަރުކާރުން ހުށަހަޅާފައިވާ ބިލު، މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ތުރީލައިން ވިޕާ ދެކޮޅަށް ވޯޓު ދެއްވި މަޖިލިސް މެންބަރުންގެ މައްސަލަ ބަލައި ގަވައިދުގައިވާ ގޮތަށް އެފަރާތްތަކައް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެެއްޖެއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ވިޕްލައިނާ ދެކޮޅަށް ހަތަރު މެންބަރަކު ރޭ ވޯޓުދެއްވާފައިވާ މައްސަލައިގައި، އެފަދަ މެންބަރުންނާ މެދު މީގެކުރިން އެމްޑީޕީން އަޅާފައިވާ ފިޔަވަޅުތައް، އަޅާފައިނުވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވުމާ ގުޅިގެންނެވެ.

އޭރު ހުޅު ހެންވޭރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ކުރި ހުކުމް ރޭ އެކަން ކުރި މެންބަރުންނައް ކޮއްފައި ނުވާ ކަމަށެވެ.

އޭރު އޭނާއަކީ އެމްޑީޕީގެ ލީޑަރުންނަށް ބިރަކަށް ވެފައިވާތީ، ޕާޓީން ބޭރުކޮށްލީ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އިންސާފަކީ އެއީތޯވެސް މޫސަ ސުވާލުކުރައްވާފައިވެއެވެ.

"މަންޒަރު ވަރަށް ސާފު އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭ އެއްޗެއް ނޫން. 19 ވަނަ މަޖިލީހުގައި ކިތައް މެންބަރުން ވިޕްލައިނާ ދެކޮޅު ހަދައިފި. އަޅުގަނޑަށް އައި ހުކުމެއް ނާދޭ. މައްސަލަ ވެސް ނުބަލާ ލީޑަރުންނަށް ބިރަކަށްވީމަ ޕާޓީން ބޭރުކޮށްލުން އެއީ ތިބޭފުޅުންގެ އިންސާފަކީ،" މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާއަށް ޓެގުކުރައްވައި މޫސަ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މޫސަގެ މި ވާހަކައަށް ރައްދު ދެއްވައި، އަލީ އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، "ނޫން މޫސާ މައްސަލަ ވެސް ބަލާނެ ގަވައިދުގައިވާ ގޮތަށް ފިޔަވަޅުވެސް އަޅާނެ މިއީ އެމްޑީޕީ،" ކަމަށެވެ.

މީގެ ހަ އަހަރު ކުރިން އެމްޑީޕީ މެންބަރުކަމުން މޫސަ ވަކިކުރީ ވެސް އެ ޕާޓީގެ ޕީޖީ ގްރޫޕުން ނެރުނު ތުރީލައިން ވިޕާ ހިލާފަށް ވޯޓު ލައިގެންނެވެ.

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު 22 ގައި އެމްޑީޕީ މެންބަރުކަމުން މޫސަ ވަކިކުރީ، އެ ޕާޓީގެ ޕީޖީ ގްރޫޕުން ނެރުނު ތުރީލައިން ވިޕާ ތަކުރާރުކޮށް މޫސަ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި އެ ބިލު ބަލައިގަތުމައް ނެގި ވޯޓުގައި ހަތަރު އެމްޕީން ވަނީ ތުރީލައިން ވިޕާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.

އެ ބިލު ބަލައި ގަންނަން ވޯޓުދިނުމަށް ނެރެފައިވާ ތުރީލައިން ވިޕާ ދެކޮޅަށް ބިލު ބަލައިގަންނަން ވޯޓު ނުދެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެންބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މި މެންބަރުންނަކީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކައުންސިލަރުންގެ ދައުރު އިތުރު ކުރުމާ ދެކޮޅަށް މަޖިލީހުގައި ގަދަޔަށް ވާހަކަދެއްކެވި މެންބަރުންނެވެ. އޭގެ ތެރެއިން އިންތި ވަނީ، ޕާޓީން ތުރީލައިން ވިޕް ނެރުނަސް އެގޮތަށް ވޯޓު ނުދެއްވާނެ ކަމަށް ކުރިންވެސް ވިދާޅުވެފައެވެ.

ކޮންމެ ޕާޓީއެއްގައިވެސް ވިޕްލައިނާ ހިލާފުވުމަކީ އެ މެންބަރަކާ ދޭތެރޭ ފިޔަވަޅު އަޅާ ކަމެކެވެ. މީގެކުރިން އެމްޑީޕީންވެސް ވިޕްލައިނާ ހިލާފުވެގެން ބައެއް މެންބަރުންނަށް ފިޔަވަޅު އަޅާފައިވެއެވެ.