އަލީ ޔާމިން
ކޮވިޑް 19 ފެތުރުން ކުޑަކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފޭސްގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅަން ނިންމައި، އިއުލާނުކޮށްފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން ހުރިހާ އިދާރާތަކުންވެސް ކަންކަން ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވިއެވެ. އަދި ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދިނުމަށްޓަކައި އިތުރަށް ކުރަން ހުރި ކަންކަމާ ބެހޭގޮތުންވެސް މެންބަރުން ވަނީ ވާހަކަ ދައްކަވައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ފުރަތަމަ ފޭސްގައި ލުއި ދޭ ކަންތައްތައް ރޭ އާންމު ކޮށްފައެވެ. އެގޮތުން ކޮންމެ ގެޔަކުން ހަފްތާއަކު ތިން މީހުންނަށް ދެ ގަޑިއިރަށް ދެފަހަރު ބޭރަށް ނުކުތުމުގެ ހުއްދައާއި، ބައެއް ވިޔަފާރިތައް ހުޅުވާލުމުގެ ހުއްދައާއި، އަމިއްލަ އޮފީސްތައް އުސޫލެއްގެ ދަށުން ހުޅުވާލުމުގެ ހުއްދައިގެ އިތުރުންވެސް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.
އެޗްޕީއޭއިން ބުނީ އެ ލުއިތައް ދީފައިވަނީ ދެ ހަފްތާއަށް ކަމަށާއި، ލުއި ދިނުމުގެ ދެވަނަ މަރުހަލާއަކަށް ދެވޭނީ ފުރަތަމަ މަރުހަލާގެ ނަތީޖާއަށް ބަލައިފައި ކަމަށެވެ.