ޚަބަރު

އަލީ ރަމީޒަށް ފާޑުކިޔުމުން ޒަކިއްޓެއަށް މަރުގެ އިންޒާރު!

އަލީ ޔާމިން

10

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަތަކުގެ 80 ޕަސެންޓަކީ އެހެން މީހުންގެ އުފެއްދުންތައް "ވީދައިގެން" ހަދާފައިވާ އެއްޗެހި ކަމަށް ބުނެ މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައިވާ އިރު، ބައެއް މީހުން އޭނާއާއި އާއިލާއަށް ފުރައްސާރަކޮށް މަރުގެ އިންޒާރުވެސް ދީފިއެވެ.

އަލީ ރަމީޒު ލަވަކިޔުމާ ދުރަށް ދިޔަތާ އެތައް އަހަރެއްވެފައިވާ އިރު، މިއަދުވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލީ އޭނާގެ ލަވަތަކެވެ. އެ ލަވަތަކަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ.

ޒަކިއްޓެ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، އަލީ ރަމީޒުގެ ލަވަތަކުގެ 80 ޕަސަންޓަކީ އެހެން މީހުންގެ އުފެއްދުންތައް ވީދައިގެން ހަދާފައިވާ ލަވަތައް ކަމަށާއި އަލީ ރަމީޒަކީ ޓީވީއެމްގެ ޕްރޮޑެކްޓެއް ކަމަށެވެ. ނަމަވެސް އޭނާ ލަވަކިޔުމުގައި ކުރިއެރުން ލިބިފައިވަނީ އެއްވެސް މީޑީއާއެއްގެ އެހީތެރިކަމަކާ ނުލައި ކަމަށް ޒަކިއްޓެ ބުނެފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ޒަކިއްޓެ ވަނީ އެ ޕޯސްޓް ޑިލީޓް ކޮށްފައެވެ. އަދި އޭނާ ވަނީ ފޭސްބުކާއި ޓުވިޓާ އެކައުންޓް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

ޒަކިއްޓެ ދެއްކި ވާހަކައަށް ރައްދު ދިން ގިނަ މީހުން ބުނެފައިވަނީ އަލީ ރަމީޒަށް ފާޑު ކިޔޭ ހިސާބަށް ޒަކިއްޓެއަށް އަދި ނާދެވޭ ކަމަށެވެ. އަދި އަލީ ރަމީޒު ހޯދި ވަރުގެ މަގުބޫލުކަމަކާއި މަޝްހޫރުކަމެއް ހޯދި ދިވެހި ދެވަނަ ލަވަކިޔުންތެރިއެއް ރާއްޖޭގެ މިއުޒިކީ އުދަރެހުން ފެނިފައި ނުވާ ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ވަގުތީ ގޮތުން ފޭސްބުކާއި ޓުވިޓާ ބޭނުންކުރުން ހުއްޓާލުމަށް ފަހު މިއަދު ހަވީރު ޒަކިއްޓެ ކުރި ޓުވީޓެއްގައި ބުނީ، އަލީ ރަމީޒުގެ ލަވަތަކުގެ 80 އިންސައްތައަކީ އެހެން މީހުންގެ މަސައްކަތް ވީދައިގެން ހަދާފައިވާ ލަވަތައްކަން އަދިވެސް އޭނާ ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަމަކީ އަލީ ރަމީޒާ އޭނާ އަޅާކިޔުން ނޫން ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް މައާފަށް ވެސް އެދިފައެވެ.

މީގެ އިތުރުން ޒަކިއްޓެ ބުނީ، އަލީ ރަމީޒާ ގުޅިވައިގެން އޭނާ ކުރި ޕޯސްޓުގެ ސަބަބުން އޭނާއާއި އޭނާގެ އާއިލާގެ އިތުރުން ރައްޓެހިންނާއި، ލޯބިވެރިޔާއަށްވެސް މަރުގެ އިންޒާރާއި ހެކްކުރާނެ ކަމުގެ އިންޒާރުތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ޒަކިއްޓެ ވަނީ އެކަން އެގޮތަށް ނުކުރުމަށް އާދޭހާއެކު އެދިފައެވެ.

އެތައް ބަޔަކު ސޯސަލް މީޑިއާގެ އެކި މަންސަތަކުގައި ޒަކިއްޓެއަށް ފާޑުކިޔަމުންދާއިރު، ޒަކިއްޓެގެ ދިފާއުގައިވެސް ބައެއް މީހުން ވަނީ ނުކުމެފައެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިންވެސް ހިމެނެއެވެ. އެގޮތުން ދިފާއުގައި ވާހަކަ ދެއްކި މީހުން ބުނެފައިވަނީ އޭނާ ހާމަކުރީ ހަގީގަތް ކަމަށެވެ. ނަމަވެސް އަލީ ރަމީޒަކީ މޮޅު މީހެއް ނޫން ކަމަށް ޒަކިއްޓެ ނުބުނާ ކަމަށާއި ޒަކިއްޓެ ބުނި އެއްޗެއް އޮޅުވާލައިގެން އެވަރަށް ދިމާކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އަލީ ރަމީޒުގެ 80 އިންސައްތަ ލަވައަކީ އެހެން މީހުންގެ މަސައްކަތް ވީދައިގެން ހަދާފައިވާ ލަވަތަކެއްކަމަށް ޒަކިއްޓެ ބުނިއިރު އެއީ މުޅިއަކުން ދޮގެކޭވެސް ނުބުނެވޭނެއެވެ. އެއީ އަލީ ރަމީޒު ކިޔާފައި ހުރި ލަވަތަކުގެ ތެރޭގައި ހިންދީ ކޮޕީ ރާގުތައް ގިނަވީމައެވެ. ނަމަވެސް އަމިއްލަ ރާގުގެ އެތައް ލަވައެއްވެސް އަލީ ރަމީޒު ވަނީ އާންމުންނަށް ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ލޯބީގެ ލަވަތަކާއި ހިތާމަވެރި، އަސަރުން ފުރިގެންވާ މާނަ ފުން ލަވަތަކެވެ.

ފާޑުކިޔުންތަކާ ގުޅިގެން ޒަކިއްޓެ ކުރި ޓްވީޓް
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟