ސަރުކާރުގެ މައުލޫމާތާއި ހަބަރު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ކޯޕަރޭޓް ޕޭޖުތަކުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އަންގައިފިއެވެ.
ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ސޮއިކުރައްވައި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ސަރުކާރުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެ އުފެދޭ ގޮތަށް އިދާރާގެ ނަމުގައި ނުވަތަ ދޭހަވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ހުއްޓުވައި، އެ މުއައްސަސާއެއްގެ ފުރިހަމަ ކޮންޓްރޯލުގައި ރައްކާތެރިކަމާއެކު އެފަދަ އެކައުންޓްތައް ބެލެހެއްޓުމަށް އެދޭ ކަމަށެވެ.
އެގޮތުން ކޯޕަރޭޓް އެކައުންޓް ނުވަތަ ޕޭޖު އުފެއްދުމަށް މުވައްޒަފުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކަައުންޓުތަކާއި އީމެއިލް އެޑްރެސް ބޭނުންކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަކޮށް ހެދިފައިވާ އިދާރާގެ ރަސްމީ "gov.mv" އީމެއިލް އެޑްރެހާއި އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މޯބައިލް ނަންބަރެއް ބޭނުން ކުރުމަށް އެދިފައިވެއެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެޑްމިނިސްޓްރޭޓިވް އެކައުންޓުތަކަކީ އެ އިދާރާއެއްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ބަލަހައްޓާ ޑިޕާޓްމަންޓެއްގެ ބެލުމުގެ ދަށުގައި ހުންނަ އެކައުންޓްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށާއި ސޯޝަލް މީޑިއާ އެކައުންޓުތަކަކީ ދެ ފެކްޓާ އޯތެންޓިކޭޝަން ބޭނުންކޮށްގެން ލޮގް އިން ކުރެވޭ އެކައުންޓުތަކަކަށް ހެދުމަށް ވެސް ސާކިއުލާގައިވެއެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، ރަސްމީ ސޯޝަލް މީޑިއާތަކުގެ ރޯލް ދެވިފައިވާ މުވައްޒަފުންގެ ރަޖިސްޓްރީއެއް އެޗްއާރު ސެކްޝަންތަކުގައި ބަލަހައްޓައި އެފަދަ މުވައްޒަފުން އިދާރާއިން ވަކިވެގެންދާއިރު އެ މުވައްޒަފަކަށް ދެވިފައިވާ ސޯޝަލް މީޑިއާ އެކްސެސް ރިވޯކް ކުރުމަށާއި ސޯޝަލް މީޑިއާގައި އެ އިދާރާއެއްގެ ނަމުގައި އެހެން ޕޭޖުތަކާއި އެކައުންޓުތައް ހިންގާނަމަ، އެފަދަ ޕޭޖުތަކާއި އެކައުންޓުތައް ރިޕޯޓުކޮށް ބުލޮކްކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން ސޯޝަލް މީޑިއާގައި މައުލޫމާތު ޝާއިއު ކުރުމުގައި އަމަލުކުރާނެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ. އެގޮތުން މައުލޫމާތު ލިޔާނެ ފަރާތަކާއި ޗެކްކުރާނެ ފަރާތަކާއި ހުއްދަދޭނެ ފަރާތެއް ކަނޑައެޅުމާއި އަދި އެގޮތަށް ޝާއިރު ކުރެވޭ މައުލޫމާތުގެ ރަޖިސްޓްރީއެއް ބެލެހެއްޓުމަށް އަންގާފައިވެއެވެ. އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތު އެ އިދާރާގެ ވެބްސައިޓުގައި ހިމެނުމަށާއި އެފަދަ އެކައުންޓުތަކަކީ ވެރިފައިޑް އެކައުންޓުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައިވެއެވެ.