ޚަބަރު

ވިޔަފާރީގެ ހުރިހާ ހުއްދައެއް ހޯދުމަށް ބޭނުން ކުރަން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް: ޑެޕިއުޓީ މޭޔަރު

އައިދާ އަބްދުލް ހަކީމް

ވިޔަފާރީގެ ހުރިހާ ހުއްދައެއް ހޯދުމަށް ބޭނުން ކުރަން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވީ މިހާރު ދީފައިވާ ލޮކްޑައުންގެ ލުއިތަކާއެކު އައި ބަދަލަކީ ވިޔަފާރިއާ ގުޅުންހުރި އެއްވެސް ކަމެއްގައި ސީދާ ޕޮލިހަށް ހުށަހެޅުމުގެ ބަދަލުގައި ކުރިން ވެސް ވިޔަފާރިތަކަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ބޭނުންކުރަމުން އައި ޕޯޓަލް މެދުވެރިކޮށް ހުރިހާ ވިޔަފާރިތަކަށް ހުއްދަ ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ޝަމާއު ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރުމުން އެ ހުށަހަޅާ މައުލޫމާތަކީ އިކޮނޮމިކް މިނިސްޓްރީގެ ޑޭޓާބޭސް މެދުވެރިކޮށް ރަނގަޅު މައުލޫމާތުތޯ ވެރިފައި ކުރުމަށްފަހު އެމައުލޫމާތު ވަގުތުން ވަގުތަށް ސިޓީ ކައުންސިލުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ހުއްދަ ދިނުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މީގެ ކުރިން ވެސް ގިނަ ފަރާތްތަކުން ހުއްދަތައް ނަގައިގެން އެމަސައްކަތް ކުރަމުން އައި ކަމަށާއި އެމީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިން ރަޖިސްޓަރީ ނުވެ ތިބި ފަރާތްތަކަށް ހިދުމަތް ދެވޭނީ ސިޓީ ކައުންސިލްގެ ޕޯޓަލްގައި ރަޖިސްޓަރީވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުށަހަޅާ މައުލޫމާތަކީ ތެދު ނޫން މައުލޫމާތު ކަމުގައި ވެއްޖެނަމަ އެ ޕޯޓަލްއަށް އެ މައުލޫމާތު ސަބްމިޓް ނުކުރެވޭނެ ކަމަށާއި އާންމުކޮށް ހުށަހަޅަން ޖެހޭ މައުލޫމާތުތަކުގައި ހުންނާނީ އެންމެ އާންމު މައުލޫމާތު ކަމަށް ޝަމާއު ވިދާޅުވިއެވެ.