ޚަބަރު

''ކޮވިޑް އިޖާބަ'' ޕްރޮޖެކްޓުން ދިވެހިންނާއި ބިދޭސީންނަށް އެހީ ފޯރުކޮށްދޭން ފަށައިފި

މަރިޔަމް ޝަހުދާ

އެހީ ޖަމިއްޔާ، ވެލްނަސް އެސޯސިއޭޝަން އަދި އެކްސްޕެޓް ސަޕޯޓް ވައިބާ ކޮމިއުނިޓީ (ބައި ރީނާ) ގުޅިގެން ''ކޮވިޑް އިޖާބަ''ގެ ނަމުގައި ދިވެހިންނާއި ބިދޭސީންނަށް އެހީ ފޯރުކޮށްދޭ ޕްރޮޖެކްޓެއް ފަށައިފި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ނިކަމެތި ރައްޔިތުންނަށް އެހީވާނެ ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެގޮތުން ލޮކްޑައުންގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި ބިދޭސީންނަށް ކާބޯތަކެތީގެ ޕެކޭޖްތަކާއި ކާބޯތަކެތީގެ ޕާރުސަލް ފޯރުކޮށްދޭނެ ކަމަށް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮޖެކްޓުގެ ސަބަބުން މިހާރުވެސް އެހީއަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ އާއިލާތަކަށާއި ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި މިހާތަނަށް މި ޕްރޮޖެކްޓަށް ޖުމުލަ 300,433.46 ރުފިޔާ ޑޮނޭޝަންގެ ގޮތުގައި ލިބިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތުދިނެވެ.

މި ފައިސާގެ ތެރެއިންް 183،603.71 ރުފިޔާ އެހީގެ ގޮތުގައި ހަރަދުކޮށްފައިވާ ކަމަށް އެހީ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. މި ފައިސާއިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ 44 އާއިލާއަކަށާއި 361 ބިދޭސީއަކަށް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިން ބިދޭސީންނަކީ ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ ގޮތެއް ނެތިފައިވާ އާއިލާތަކާއި ބިދޭސީން ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތު ދިނެވެ.

އެހީ ޖަމިއްޔާއިން ވަނީ މި ދަނޑިވަޅުގައި އެހީތެރިކަން ބޭނުންވާ އާއިލާތަކުން އެ ޖަމިއްޔާއާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުން 7803433 ނުވަތަ 9133433 ނަންބަރަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ.

މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށްވެސް މި ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ނަމަ އެހީ ޖަމިއްޔާގެ އެކައުންޓް ނަންބަރު 7770000014820 މެދުވެރިކޮށް އެހީތެރި ވެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި ބިދޭސީންނަށް އެހީ ޖަމިއްޔާ އާއި ގުޅިގެން ކާބޯތަކެތި ޑެލިވާ ކުރުން ފަދަ ކަންކަމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.