އުމްރާގެ އަޅުކަމަށް ގޮސް އުޅުނު މީހަކަށް ފުރޭނެ އިރެއް ނޭނގި، ސައުދީ އަރައްބިއާގެ ޖިއްދާ އެއާޕޯޓުގައި ހުންނަން ޖެހުމުން އޭނާ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނިމްސާ ގްރޫޕާއެކު އުމްރާއަށް ދިޔަ މީހާއަށް ނުފުރި އެއާޕޯޓުގައި މަޑުކުރަން ޖެހިފައިވަނީ އޭނާގެ ޕާސްޕޯޓް ގެއްލުމުންނެވެ. އެއާޕޯޓުގައި އޭނާއަށް ނުފުރުމުން އެ އުމްރާ ދަތުރުގައި ބައިވެރިވި އޭނާގެ އާއިލާ މެމްބަރެއް ވެސް ވަނީ އެއާޕޯޓުގައި މަޑުކޮށްފައެވެ.
ދެ މީހުންގެ ނަން ނުޖެހުމަށް ޝަރުތުކޮށް ޕާސްޕޯޓް ގެއްލުނު މީހާއާއެކު އެއާޕޯޓުގައި މަޑުކުރި އޭނާގެ އާއިލާ މެމްބަރު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ ޕާސްޕޯޓް ގެއްލުނުކަން ވެސް ނިމްސާ ގްރޫޕުން އަންގާފައިވަނީ ފުރަން ކައިރިވެފައި އޮއްވައި ކަމަށާއި އެއާޕޯޓަށް ދިޔައީ ފުރޭނެ ކަމަށް އެ ގްރޫޕުން ބުނުމުން ކަމަށެވެ.
"އުމްރާއަށް ގޮސްފައި ޕާސްޕޯޓުތައް ހަވާލުކުރަން ޖެހެނީ އަޅުގަނޑުމެން އުމްރާއަށް ގެންދާ ގްރޫޕާ. އެކި ހޮޓެލްތަކަށް ބަދަލުވި ވަގުތެއްގައި އެމީހުން އަތުން ޕާސްޕޯޓް ގެއްލުނީ ކަމަށް ބެލެވެނީ. އެންމެ ފަހު ހޮޓެލް އިން ޕާސްޕޯޓުތައް ނޯޓު ކުރި އިރުވެސް އެ ޕާސްޕޯޓެއް ނޯޓެއް ނުކުރޭ. ނިސްމާ ގްރޫޕަށް އިއްޔެ ފަތިހު އެކަން އެނގުނު. ނަމަވެސް އަޅުގަނޑުމެންނަށް އެކަން އެނގުނީ ފަހުން،" ޕާސްޕޯޓު ގެއްލުނު މީހާއާއެކު އެއާޕޯޓުގައި މަޑުކުރި އޭނާގެ އާއިލާ މެމްބަރު ބުންޏެވެ.
އޭނާ ބުނީ ޕާސްޕޯޓް ގެއްލުމުން އަލުން އެ ޕާސްޕޯޓް ހެއްދޭނީ ޕޮލިސް ރިޕޯޓާއެކު ކަމަށް ފަހުން އެ ގްރޫޕުން އެންގި ކަމަށާއި ނަމަވެސް ޕޮލިސް ރިޕޯޓެއް ނެތަސް ޕާސްޕޯޓް ހެއްދޭކަން ފަހުން އެނގުނު ކަމަށެވެ. އަދި ސަރުކާރު ބަދަލުވުމަށްފަހު އެމްބަސީއަށް ވެރިން އައްޔަންކޮށްފައިނުވާތީ އެކަމަށް ލަސްތަކެއް އުޅޭކަމަށް ވެސް އެ ގްރޫޕުން ފަހުން ބުނި ކަމަށް އޭނާ ބުންޏެވެ.
އެ ގްރޫޕާއެކު އުމްރާ ދަތުރުގައި ދެން ބައިވެރިވި އެންމެން މިހާރު ރާއްޖެއަށް ދިއުމަށް ފުރާފައިވާ ކަމަށާއި އެއާޕޯޓުގައި އެމީހުންނާއެކު އިތުރަށް ހުރީ ނިމްސާގެ އޮފިޝަލެއް ކަމަށް ވެސް އޭނާ ބުންޏެވެ.