ޖޫން އެކަކުން 13 އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭއިން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ މި ދުވަސްތަކުގައި ބޭންކުތަކުން ހިދުމަތް ދޭނީ ކޮންމެހެން ބޭނުންވާ ކަންކަމަށް ކަމަށެވެ. އަދި މި މުއްދަތުގައި އެމްއެމްއޭ ހުޅުވި ނަމަވެސް އެ އޮތޯރިޓީން އާންމުންނަށް ހިދުމަތް ނުދޭނެ ކަމަށް ބުނެފައި ވެއެވެ.
މި މުއްދަތުގައި އެމްއެމްއޭ އަދި ބޭންކުތައް ހުޅުވަން ނިންމާފައިވާ ދުވަސްތަކުގައި މި ތަންތަން ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 2:00 އަށް ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
މަރުކަޒ ީ ބޭންކާއި އެހެން ބޭންކުތައް ހަފުތާގައި ތިން ދުވަހު ހުޅުވަން މި ނިންމީ، ލޮކްޑައުންއަށް ލުއިތަކެއް ދީ، މި ފޭހުގައި ހަފުތާއަކު ތިން ދުވަހު ބޭންކުތައް ވެސް ހުޅުވޭނެ ކަމަށް ސަރުކާރުން ރޭ އިއުލާނު ކުރުމާވެސް ގުޅިގެނެވެ. އާންމު ވިޔަފާރީގެ ތެރޭން ވެސް ގިނަ ވިޔަފާރިތަކެއް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ދޭނެ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.