ޚަބަރު

އިތުރު 24 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1481 އަށް

އިތުރު 24 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1481 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އިތުރު 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން 19 މީހަކު ޕޮޒިޓިވްވެފައިވާކަން މިއަދު މެންދުރުފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިއުލާނުކޮށްފައެވެ.

"ރޭގެ ޕްރެސްއިން ފެށިގެން މިހާތަނަށް އިތުރު 43 ޕޮޒިޓިވް ކޭސް ވަނީ ފެނިފައި. ރޭގެ ޕްރެސްއިން ފެށިގެން މިހާތަނަށް ދިހަ މީހަކު އިތުރަށް ވަނީ ފަރުވާ ފުރިހަމަކޮށް ރިކަވާ ވެފައި،" އޭނާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވި އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 124 މީހުން އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1781 މީހުން އެބަތިބި ކަމަށާއި އިއްޔެ 40 މީހަކު ކަރަންޓީނު ފެސިލިޓީތަކުން ދޫކޮށްލެވުނު ކަމަށެވެ. އަދި ފެސިލިޓީތަކުން ދޫކޮށްލުމަށް އިއްޔެ 188 ސާމްޕަލް ނެގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 1481 މީހުންގެ ތެރެއިން 242 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ތިން ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.