ޚަބަރު

ރައްކާތެރިކަމާއެކު ބޭރުގެ ދަތުރުތައް އަލުން ފެށޭނެ އުސޫލެއް އެކުލަވައިލުމަށް އަލީ ވަހީދު ކޮމަންވެލްތަށް ގޮވާލައްވައިފި

އަލީ ޔާމިން

ރައްކާތެރިކަމާއެކު ބޭރުގެ ދަތުރުތައް އަލުން ފެށޭނެ އުސޫލެއް އެކުލަވައިލުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޮމަންވެލްތަށް ގޮވާލައްވައިފިއެެވެ.

ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމަށާއިި ދަރަންޏަށް ކުރާ އަސަރާ ގުޅޭ ގޮތުން ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ކާރިސާއާ ގުޅިގެން ރައްޔިތުންގެ ދިފާއުގައި ރިސޯޓް ޓޫރިސްޓް ހޮޓާ އަދި ގެސްޓު ހައުސްތައް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ އެކި ވަސީލަތްތައް މިވަގުތު ބޭނުންކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަމުގެ ދާއިރާ އަލުން ހުޅުވާލުމުގެ ގޮތުން ރައްކާތެރިކަމުގެ އުސޫލުތައް މިހާރު އެކުލަވާލަމުން އަންނަކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެހެންނަަވެސް ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި އެކަމުގައި ކޮމަންވެލްތުގެ އެހީއަށް މިނިސްޓަރު އެދިވަޑައިގަތެވެ. އެގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި ދަތުރުފަތުރުތައް ފެށުމުގެ އުސޫލުތައް އެކުލަވައިލުމަށްވެސް މިނިސްޓަރު ގޮވައިލެއްވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް މިހާލަތުން އަރައިގަތުމަށް ދަތުރުފަތުރު ކޮންމެހެންވެސް މުހިންމު ކަމަށެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލާއިރު ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.