ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ އޮތް ގުޅުން ގޯސްވި ހިސާބަކީ އެމަނިކުފާނާއެކު ވާހަކަ ނުދެކެވެން ފެށި ހިސާބުން ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ "ހަމީދުގެ މެހެމާންސަރާ" ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ވާހަކަނުދެކެވުނު ނަމަވެސް ރައީސް ނަޝީދު އެއްވެސް އިހާނެތިކަމެއް އޭރު ކުރައްވާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން ދެ މީހުން ޒުވާބެއް ނުކުރަން. ރުޅި އައިސްގެން ވާހަކަދައްކަ ދައްކައެއް ނުހަދަން." ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދާ އޮތް ގުޅުން ގޯސްވީ އެކި މީހުން ތަފާތު ވާހަކަތައް ދައްކަން ފެށި ކަމުން އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދުގެ އަރިހުގައި ވާހަކަދައްކާ ބައެއް މީހުން އެމަނިކުފާނުގެ ގާތުގައިވެސް ނަޝީދު ގޯސްކުރައްވާ ވާހަކަ ދެއްކެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާ ވެގެންދިޔައީ ބޮޑު ސަޕްރައިޒަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ކުރައްވަންނުވާވަރުގެ ކަމެއްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑަށް އެކަންވީ ވަރަށް ބޮޑު ސަޕްރައިޒަކަށް. އިސްތިއުފާއަށްފަހު ޖެހިގެން އައި ދުވަހު އަޅުގަނޑު ރައީސް އޮފީހަށް ދިޔައިރު ހުރީ އެކަމަށް އެެއްޗެއް ބުނަންވެސް ތައްޔާރުވެގެނެެއް ނޫން،" ރައީސް ވަހީދު ވިދާޅުވިއެވެ.