ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ހިޔާނާތުގެ އެއްވެސް މައުލޫމާތެއް އެނގިނުލައްވާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އަވަސް އޮންލައިންގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އަދީބު ހިންގި ކަމަށް ތުހުމަތުވާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގެ މައުލޫމާތު އޭނާއާ ހަމައަށް ކުރިން ލިބުނު ނަމަ އެ ކަމެއް ރައީސް އަބްދުﷲ ޔާމީންއާ ހަމައަށް ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑާއި އަދީބާއި ބަންޑާރަ ނައިބު އަނިލް ސަރުކާރުގެ ތެރޭގައި ވަރަށް އެއްކޮށް އުޅުނީ، އެކަމަކު އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް،" އޭނާ ވިިދާޅުވިއެވެ.
އަދީބުގެ ހިޔާނާތުގެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ނުލިބުނު ނަމަވެސް އަދީބު ދެއްވި ޑޮލަރުތަކެއްގައި ހިއްޕެވި ކަމަށް ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ އެ ފައިސާއަކީ އޭނާގެ އަނބިކަނބަލުންގެ ގޭގެ ލިފްޓު ހެދުމަށް ނެގި ފައިސާ ކަމަށާއި އެ ފައިސާ ނަގާފައިވަނީ ލޯނެއްގެ ގޮތުގައި ކަމަށެވެ.
"ޑޮލަރު ނުލިބިގެން އަޅުގަނޑު އަދީބު ކައިރީގަ ބުނީމަ ޑޮލަރު ދިން، އެއަކު ނެތް އެއްވެސް ފޮރުވުމެއް ވެސް،" ޝައިނީ ވިދާޅުވި އެވެ.