ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.
އިޖުތިމާއީ ކޮމިޓީއިން އެ ބިލު ފާސްކޮށްފައިވަނީ ހުށަހެޅިގޮތަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭ ގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަސްލަމް ވިދާޅުވީ ޕެންޝަންގެ ފައިސާއިން އަބަދުވެސް އެކި ކަހަލަ މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި އެކަމަށް މީގެކުރީން ޖާގަ ދެވިފައި ނުވާ ކަމަށެވެ.