ޚަބަރު

ގާނޫނު އަސާސީ އިސްލާހުކުރާކަށް ނުޖެހޭ، ހައްލު އޮތީ ސުޕްރީމް ކޯޓުގައި: ޑރ. ދީދީ

އަލީ ޔާމިން

ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ހައްލުދިނުމުގެ ހަގީގީ އިހުތިސާސް އޮތް ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ސަބަބުން ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާ އިރު، އެކަމާ ގުޅިގެން ސަރުކާރުން މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނީ ގޮތުން އަންނަ ހުސްކަމުގެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުން މަގާމު ދެމިތިބުމަށް ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.

މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވަނީ އެމަނިކުފާނުގެ ގާނޫނީ ރައުޔު އެކަމުގައި ފާޅުކުރައްވައިފައެވެ. އެގޮތުން މައިގަނޑު ފަސް ކަމެއް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ޑރ. ދީދީ ވިދާޅުވީ 2020 ގައި ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ފަސްވުމާ ގުޅިގެން މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމިތިބުމުގެ މައްސަލައަށް ދުސްތޫރީ ހައްލު ދިނުމުގެ އިހުތިސާސް ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މި މައްސަލައިގައި ދެ ބަޔަކަށް ބެހިފައި. ބައެއް މެންބަރުން ދެކެނީ އާންމު ގާނޫނަކުން، ދުސްތޫރީ މުއްދަތު ހަމަވާ ކައުންސިލަރުން އަލުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، އާ ކައުންސިލަރުން ހޮވެންދެން މަގާމުގައި ދެމިތިބުމަށް ކަނޑައެޅުމަށް. އަނެއްބައި މެންބަރުން ދެކެނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން މެނުވީ މުއްދަތު ހަމަވާ މެންބަރުން މަގާމުގައި ދެމިތިބުން ސައްހަ ނުވާނެ ކަމަށް. މި މައްސަލައިގައި ދުސްތޫރީ ނަޒަރަކުން ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރެވުމާ ގުޅިގެން އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލަރުގެ މުއްދަތު އިތުރު ކުރުމެއް ނޫން. ނުވަތަ ދައުރު ދެންމުމެއް ވެސް ނޫން." ޑރ. ދީދީގެ ރައުޔުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޑރ. ދީދީ ވިދާޅުވީ، ކުއްލި ހާލަތެއްގެ ސަބަބުން ކައުންސިލްތަކުގެ ދުސްތޫރީ މުއްދަތު ނިމުމަކަށް އަންނައިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވޭ ހާލަތުގައި ކުރީގައި ތިބި ކައުންސިލަރުންގެ މަގާމުގެ ބާރުތައް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެމިގެން ދާނެ ކަމަށާއި ނަމަވެސް އެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުުރުމުގެ އެެއްވެސް ޒަރޫރަތެއް ނެތް ކަމަށެވެ.

ދީދީ ވިދާޅުވީ، މަޖިލީހަށް އޮތް ބާރަކީ އިމަޖެންސީ ހާލަތެއްގައި އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ ދުސްތޫރީ އަދި ގާނޫނީ އާންމު އުސޫލުތައް ޝާމިލުވެގެންވާ ނައްސުތައް އެކުލެވޭ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުން ކަމަށެވެ. އަދި އެ މައްސަލައިގައި މަޖިލީހަށް ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހައްލެއް ހޯދުމަށް ނުކުޅެދުމުން ކަމަށް ދީދީ ވިދާޅުވިއެވެ.

"މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އާންމު ގާނޫނަކުން ލޯކަލް ކައުންސިލް އިންތިހާބު އަލުން ބާއްވައި އާ ކައުންސިލުން އިންތިހާބުކޮށް ނިމެންދެން މިހާރު މަގާމުތަކުގައި ތިބި ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށް. ކަމާބެހޭ ދުސްތޫރީ މަބްދައުތަކަށް ރިޔާއަތްކޮށް ކަނޑައެޅުމަކީ މުހިންމު ކަމެއް." ދީދީ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ކުރިން ކަނޑައެޅިފައިވާ ތާރީހުތަކުގައި ނުބޭއްވޭނެތީ އެ މައްސަލަ ފުރަތަމަ ހުށައެޅީ ހައިކޯޓަށެވެ. އަދި އޭގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިއެވެ. ނަމަވެސް އެ ކޯޓުން އެ މައްސަލައިގައި ބަހެއް ބުނުމުގެ ކުރިން މައްސަލަ ނަގައި މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެގޮތަށް އެދިވަޑައިގަތުމުންނެވެ.

ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދައި ނުދެވި މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދުމުން އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ.