އުރީދޫ މޯލްޑިވްސްއިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 50 އިންޓިއުބޭޝަން ބޮކްސް ހަދިޔާކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ، ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދިފައި ހުރުމަކީ، މިފަދަ ހާލަތެއްގައި އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެގޮތުން އުރީދޫން ހަދިޔާކުރި އިންޓިއުބޭޝަން ބޮކްސްތަކަކީ ކޮވިޑް 19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރަމުން އަންނަ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ސަލާމަތްތެރިކަން ހޯދުމަށް އެޅޭނެ އިތުރު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުނެއެވެ.
އިންޓިއުބޭޝަން ބޮކްސްއަކީ ކޯވިޑަށް ޕޮޒިޓިވްވާ ބަލިމީހުންނަށް އިންޓިއުބޭޝަންގެ ޕްރޮސީޖާ ކުރިއަށްދާ ވަގުތު ބަލި މީހާއާއި ހިދުމަތްދޭ ފަރާތް ވަކިކޮށްލުމަށް ދާދި ފަހުން ޓައިވާނުގައި ތައްޔާރުކުރެވިފައިވާ އެތެރެ ފެންނަ ޕޮލިކާބޮނޭޓް ފޮށިތަކެކެވެ. އިންޓިއުބޭޝަން ޕްރޮސީޖާއަކީ އަނގައިން ނުވަތަ ނޭފަތުން ޓިއުބެއް މެދުވެރިކޮށް ވެންޓިލޭޓަރަކާ ގުޅާލުމަށް ނޭވާލާ ހޮޅި ހުޅުވާލުމެވެ. މި ޓިއުބް ގުޅާ ވަގުތު ބަލި މީހާގެ ހަށިގަނޑުން ގޭސް ނުވަތަ ފެން ބޭރުވެގެން ދާނެއެވެ. އެހެންކަމުން އިންޓިއުބޭޝަން ޕްރޮސީޖާ ކުރިއަށްދާ ވަގުތަކީ ޕްރޮސީޖާ ހައްދަވާ ބޭފުޅާއަށް ވައިރަސްއާ ކޮންޓެކްޓްވުމުގެ ފުރުސަތު ބޮޑު ވަގުތަކަށްވުމާއެކު، މި އިންޓިއުބޭޝަން ބޮކްސްގެ ބޭނުންތެރިކަން މިފަދަ ހާލަތެއްގައި ނުހަނު މުހިންމެވެ. ޓައިވާންގެ މި އުފެއްދުން މެޓަލް ސައިންސްއިން ވަނީ އައިޖީއެމްއެޗުގެ ސިއްހީ މާހިރުންނާ ގުޅިގެން ރާއްޖޭގެ ސިއްހީ މާހައުލާ ގުޅޭގޮތަށް ޕްރޯޓޯ ޓައިޕްއެއްގެ ގޮތުގައި ތައްޔާރުކޮށްފައެވެ.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާއެކު ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ކުރީ ސަފުގައި މަސައްކަތްކުރަމުންދާ އެންމެހާ ބޭފުޅުން، ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރަމުންދާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަކީ ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް މިވަގުތު އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެވެ. މިކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ދެކިގެން، މިއަދު މި ހަދިޔާކުރެވުނު އިންޓިއުބޭޝަން ބޮކްސްތަކާއެކު ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާ ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. މިވަގުތަށް ވަރަށް މުހިންމު އާލާތެއް ކަމަށްވާ މި އިންޓިއުބޭޝަން ބޮކްސްތައް ހޮސްޕިޓަލުތަކަށް ވީ އެންމެ އަވަހަށް ހަވާލުކުރުމަށްޓަކައި މެޓަލް ސައިންސްއިން ބާރު ސްޕީޑެއްގައި ކުރެއްވި މަސައްކަތަށް އުރީދޫގެ ނަމުގައި ފަށްފަށުން ޝުކުރު އަދާކުރަން." ނިޔާޒް ވިދާޅުވިއެވެ.
ރައީސް އޮފީސް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އަންނަނީ މި ޕެންޑެމިކްއާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުން އަންނަ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ދާދި ފަހުން އުރީދޫ ގްރޫޕާއި އުރީދޫ މޯލްޑިވްސް އިން ވަނީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އުރީދޫއިން އަންނަނީ އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. އުރީދޫގެ ކަސްޓަމަރުންނަށް މިދުވަސްވަރު ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސްޕެޝަލް އޮފާއެއްގެ ގޮތުގައި ހިލޭ ޑޭޓާގެ އިތުރުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ތައާރަފުކުރެވިފައެވެ.