އަލީ ޔާމިން
ކޮމަންވެންތުގެ "ދި އިކޮނޮމިކްސްޓް އޮފް ކޮވިޑް 19" ސެމިނާގެ ޕެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަން ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ކޮވިޑް 19އާ ގުޅިގެން ކޮމަންވެލްތުން ސިލްސިލާކޮށް ބައްވަމުން އަންނަ ވާޗުއަލް ސެމިނާ "ދި އިކޮނޮމިސްޓް އޮފް ކޮވިޑް 19" ގެ ދަށުން މިއަދު "ކޮވިޑް 19 އިމްޕެކްޓް އޮން ޓޫރިޒަމް، ޑެޓް އެންޑް ޑިޒާސްޓާ ރިކްސް މެނޭޖުމަންޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެބިނާގައި ޕެނަލިސްޓެއްގެ ގޮތުގައި މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
ފަތުރުވެރިކަމާއި ދަރަނި އަދި ކާރިސާގެ ހިރާސް ބެހެއްޓުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ހަމަޖައްސާފައިވާ މި ސެމިނާގެ ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރު އަލީ ވަހީދުގެ އިތުރުން، ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް، މާލްޓާގެ ކުރީގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓް، ނެމީބިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ނެޓުމްބޯ ނަންޑިންޑައިޓްވާ އަދި ބާބަޑޯސްގެ ފިނޭންސް މިނިސްޓަރު ރަޔަން ސްޓްރޯން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި ވެބިނިއާ ފެށުމަށް ހަމަޖައްސާފައިވަނީ ރާއްޖޭ ގަޑިން މިއަދު 18:00 ގައެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައި ހީނަރުކަމާއެކު އެންމެ ބޮޑު ގެއްލުމެއްވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން އެ ސިނާއަތް އެއްކޮށް ހުއްޓިފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.