ކުރީގެ ސަލްޓަން ޕާކް ތަރައްގީކުރުމަށް ފަހު އެތަން "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވާފައި އޮއްވާ އެތަނުގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރަން އުޅޭ ކަމަށް އިޝާރާތް ކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރުމަށް އަންނަ އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޝިފާ ވިދާޅުވީ އެގޮތަށް މަސައްކަތް ކުރަނީ ސަލްޓަން ޕާކުގެ ނަން ދިރުވުމަށް ކަމަށެވެ.
މާލޭގައި ސަލްޓަން ޕާކް ހުޅުވާފައިވަނީ 1968 ވަނަ އަހަރުގައެވެ. އަދި ގާތްގަނޑަކަށް 50 ވަރަކަށް އަހަރު ސަލްޓަން ޕާކުގެ ނަމުގައި އެތަން އޮވެ މިދިޔަ އަހަރު ވަނީ އެތަން ތަރައްގީކޮށް "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަލްޓަން ޕާކް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޒަމާނީ ތަރައްގީ ގެނެސް ހުޅުވި ރަސްރަނި ބަގީޗާއަށް ދިވެހީންނަށް ހިލޭ ވަދެވޭނެ އެވެ. ނަމަވެސް ބިދޭސީން އެތަނަށް ވަންނަ ނަމަ އެމީހުންގެ އަތުން ފީއެއް ނަގައެވެ.