ކޮވިޑު ލޮކްޑައުންގައި ފުލުހުން ކުރާ ޖޫރިމަނާ މައާފުކުރަން ހުށަހެޅޭނީވެސް ފުލުހުންނަށް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވީ މީރާގެ ދައުރަކީ އެގޮތަށް ކުރެވޭ ޖޫރިމަނާގެ ފައިސާ ބަލައިގަތުން ކަމަށާއި އެފައިސާ މައާފުކޮށްދިނުމުގެ ބާރު ލިބިގެންވަނީ އެޖޫރިމަނާއެއް ކުރި ފަރާތަށް ކަމަށެވެ.
"ޓްރެފިކް ވައިލޭޝަން އަދި ކޮވިޑް ލޮކްޑައުން އާ ގުޅިގެން މި ކުރެވޭ ޖޫރިމަނާތަކުގައި އަޅުގަނޑުމެން މިއަދާކުރަނީ ފައިސާ ބަލައިގަތުމުގެ ބައި. އެހެންވީމަ އެޖޫރިމަނާ ކުރެއްވި ފަރާތަކުން ނިންމަވާނީ މިހާލަތުގައި ޖޫރިމަނާ ލުއިކޮށްދެވޭނެތޯ ނިންމަވާނީ އެބޭފުޅުން. އެޖޫރިމަނާއެއް ކުރެއްވި ބައެއް." ފަތުހުއްﷲ ވިދާޅުވިއެވެ.
ފަތުހުއްﷲ ވިދާޅުވީ މީރާއިން ފައިސާ ބަލައިގަތުމުގައި އޮންނަނީ ޓެކްސާ ގުޅުން ހުރި ފައިސާއެއް ކަމުގައި ވާނަމަ ބަލަނީ ކަނޑައަޅާފައި އޮންނަ އުސޫލާއި ގުޅިގެން އޭގެތެރެއިން ފައިސާ ދައްކަން އެއްބަސް ވުމާއި، ކުރިން އެފަރާތްތަކުގެ ޓެކްސް ދެއްކުމުގައި އަމަލުކޮށްފައިވާ ގޮތާއި މިކަހަލަ ކަންކަމަށް ބަލައިގެން މައާފު ކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން ޓެކްސްއާ ގުޅުން ނެތް ފައިސާއެއް ނަމަ، ހެދިފައިވާ އެގްރީމެންޓެއްގެ ދަށުން ނުވަތަ އެހެން ފަރާތަކުން ކުރާ ޖޫރިމަނާއަކަށް ބަލައިގަންނަ ފައިސާއެއް ނަމަ އެފައިސާއަކީ މައާފު ދެވިދާނެ އެއްޗެއްތޯ ނުވަތަ ލަސްކޮށްލެވިދާނެ އެއްޗެއްތޯ ކަނޑައަޅާނީ އެފަރާތަކުން ކަމަށް ފަތުހުއްﷲ ވިދާޅުވިއެވެ. އަދި މިކަހަލަ ޖޫރިމަނާތައް މައާފު ކޮށްދިނުމުގައި ބަލަނީ ފައިސާ ދެއްކުމުގެ ތެރޭގައި ބެންކުގެ ތެރެއިން ނުވަތަ ކާޑުގެ މައްސަލައެއް ދިމާވެގެން ނުދެއްކި އެކަހަލަ ޕްރޮސީޖަރަލް މައްސަލަ އަކާއި ގުޅިގެން ނުވަތަ އެޑްމިނިސްޓްރޭޓިވް މައްސަލައެއް ދިމާވެގެން އަރާ ޖޫރިމަނާތަކަށް މީރާ އިން ލުއިތަކެއް ދެވިދާނެ ކަމަށެވެ.