ރިޕޯޓް

2024 ރިވައިންޑް: ޑޮލަރަށް ސަލާންޖެހުން ނިމުމަކަށް ގެނައުމަށް ގާނޫނީ ވަރުގަދަ ފިޔަވަޅުތަކެއް!

މުހައްމަދު ސިމާއު

މި ފެށޭ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ބޮޑެތި ދަރަނިތަކެއް ދައްކަން އެބަ އޮތެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުންނާއި ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި 2024 ވަނަ އަހަރު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ގޮންޖެހުމާއި ފާޑުކިޔުމާއެކު 2024 ގެ ތެރޭގައި ސަރުކާރުން ވަނީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ބައެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން މަޖުބޫރުކޮށް ގަވާއިދެއް ހަދައިފަ އެވެ. އެ ގަވާއިދަށް ބާރު ދިނުމަށް ގާނޫނެއްވެސް އެކުލަވައިލީ މި 2024 ގަ އެވެ. އޭގެ އިތުރުން ޑޮލަރުން ލިބޭ ޓެކްސްތައް ބޮޑުކުރަންވެސް މި އަހަރު ނިންމި އެވެ.

ޑޮލަރުން ލިބޭ އާމްދަނީން ބައެއް ބޭންކުތަކަށް މާރުކުރަން މަޖުބޫރުކޮށް ގަވާއިދެއް

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ލިބޭ އާމްދަނީން ބައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި އަމަލުކުރަން ފެށީ 1 އޮކްޓޯބަރު 2024ގައެވެ. އެ ގަވާއިދުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ.

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ރިޒޯޓް ހޮޓާތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް އަދި އެ ނޫންވެސް އެފަދަ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެ އެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ. އެ ކެޓަގަރީގެ ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހެ އެވެ.

އެ ފައިސާ މާރުކުރަން ޖެހެނީ މީލާދީ މަސް ނިމި އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

އެ ގަވައިދުގައި ބުނާ ގޮތުން ވަކި ހާލަތްތަކެއްގައި އެއަށްވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެއެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ބޭރުފައިސާއިން ޓެކްސް ދެއްކުމާއި މާލީ އިދާރާއަކަށް ބޭރު ފައިސާއިން ދަރަނި ދެއްކުމާއި ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމުތައް އަދި އެމްއެމްއޭއިން ހުއްދަ ދޭ އެހެންވެސް ބޭރު ފައިސާގެ އިލްތިޒާމުތަކެވެ.

އެ ގަވާއިދުގައި އިތުރަށް ބުނަނީ، ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އޮތޯރިޓީއަށް ވިއްކަން ޖެހޭނެ ކަމަށެވެ. އަދި ބޭންކުތަކަށް މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ ތަފުސީލު އެމްއެމްއޭއަށް ހުށަހަޅަންވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްތައް ބޮޑުކުރުން

މިއީ ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މި އަހަރު އެޅި އަނެއް ފިޔަވަޅެވެ. އެ ފިޔަވަޅުތަކުގެ ދަށުން މިހާރު 16 ޕަސެންޓުގައި ނަގާ ފަތުރުވެރިކަމުގެ ސިނާއަތުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީ ވަނީ 17 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. އެ ބަދަލު ގެންނާނީ 1 ޖޫން 2025 އިން ފެށިގެންނެވެ. އެ ބަދަލާއެކު އަހަރަކު 200 މިލިއަން ރުފިޔާގެ ކުރިއެރުމެއް ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

1 ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސްގެ ބޮޑުކުރަން ނިންމި އިރު، އެ ޓެކްސް ބޮޑުކުރާނީ 100 ޕަސެންޓަށެވެ. އެ ބަދަލާއެކު ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓުތަކުން ޓޫރިސްޓެއްގެ ބޮލަކަށް މިހާރު ނަގަމުން އަންނަ ހަ ޑޮލަރުގެ ބަދަލުގައި ނަގާނީ 12 ޑޮލަރެވެ. ގެސްޓްހައުސްތަކުން ނަގާނީ ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރެވެ. ފިނޭންސް މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ގްރީން ޓެކްސް ބޮޑުކޮށްގެން އަހަރެއްގެ ތެރޭގައި 964 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ޓީޖީއެސްޓީއާއި ގްރީން ޓެކްސްގެ އިތުރުން ސަރުކާރުން ވަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކުހަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ބަދަލާއެކު އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނަގާނެއެވެ. އެއީ 65 ޕަސެންޓު އިތުރުވުމެކެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގަމުން އަންނަ 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު ނަގާނެއެވެ. އެއީ 100 ޕަސެންޓުގެ އިތުރުވުމެކެވެ.

ފަސްޓް ކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު ނަގާނެއެވެ. ކުރިން ނަގަމުން އައީ 90 ޑޮލަރެވެ. އެއީ 165 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެ އަތުން ކުރިން ނަގަމުން އައި 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނަގަން ފަށާއިރު އެއީ ކުރީން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

މި ބަދަލުތަކާއެކު، ޖުމުލަ އާމްދަނީއަށް 1.5 ބިލިއަން ރުފިޔާ އިތުރުވުމެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

ފޮރެކްސް ބިލް: ޑޮލަރު އާމްދަނީ ލިބޭ ވިޔަފާރިތައް ވެސް ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުން

ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ނުވަތަ ފޮރެކްސް ބިލު ފާސްކުރީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

1 ޖެނުއަރީ 2025 އިން ފެށިގެން އަމަލުކުރަން ފަށާ އެ ބިލުގައި އެންމެ ބޮޑު ކަމަކަށް ހިމަނާފައި އޮތީ ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ވޭތުވި އަހަރުގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބިފައިވާ ވިޔަފާރިތަކުން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރުވުމެވެ. އެގޮތުން އެ ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުވާނެ އެވެ.

އޭގެ އިތުރުން ބޭރު ފައިސާއާބެހޭ ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރުމުގެ ދެ އިހުތިޔާރެއް ބިލުން ދީފައިވެ އެވެ. އެގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރު ކުރުން ކަމަށް ބިލްގައިވެ އެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެ ކަމަށްވެސް ބިލްގައި ކަނޑައަޅާފައިވެ އެވެ.