މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މި އަހަރުގެ މިހާތަނަށް 571 ފަރާތެއްގެ ޖޫރިމަނާ މީރާއިން މައާފުކޮށްދީފި

މި އަހަރުގެ މިހާތަނަށް 571 ފަރާތެއްގެ ޖޫރިމަނާ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ، (މީރާ)އިން މައާފުކޮށްދީފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވީ މީރާއިން އަންނަނީ ޓެކުހާ ގުޅުން ހުރި ޖޫރިމަނާތައް މައާފުކޮށްދެމުން ކަމަށާއި އޮތުން އިތުރު ފަރާތްތަކަށް ލުއި ދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އަލުން އޮފީސް ހުޅުވޭ އިރު އެއްވެސް ފަރާތެއްގެ އަތުން ޖޫރިމަނާ ނުނަގާނެ ކަމަށާއި އަލުން އޮފީސް ހުޅުވޭ ދުވަހަކީ ހުރިހާ ސުންގަޑިއެއް ހަމަވާ ދުވަހުގެ ގޮތުގައި ނުބާއްވާނެ ކަމަށް ވެސް ފަތުހުއްﷲ ވިދާޅުވިއެވެ. އަދި ނިއު ނޯލަމް ގައި އޮފީސް ހުޅުވުމުގެ ކުރިން ސުންގަޑިތައް އާންމު ކުރައްވާނެ ކަމަށް ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުއްﷲ ވިދާޅުވީ އިންސްޓޯލުމެންޓް ޕްލޭނެއްގެ ދަށުން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި އެގޮތުން ޕޯސްޓް ޑޭޓެޑް ޗެކު މިހާރު ހުށަހަޅަން ނުޖެހޭނެ ކަމަށާއި އިންސްޓޯލްމެންޓުގެ މުއްދަތު ވެސް އިތުރުކޮށްފައިވާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން މީރާ އިން ދެވޭނެ ހުރިހާ ލުއިފަސޭހަތަކެއް މިހާރުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދީފައިވާނެ ކަމަށާއި އެގޮތުން މީރާއިންދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދޭނެ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ލޮކްޑައުންގެ މުއްދަތުގައި ފައިސާ ނުދެއްކިގެން އެއްވެސް ޖޫރިމަނާއެއް ނުނަގާނެ ކަމަށް ވެސް ފަތުހުއްﷲ ވިދާޅުވިއެވެ.