ސްރީލަންކާގެ ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ އެގައުމުގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރައްވާތާ 50 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރާޖަޕަކްސަ ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ހިދުމަތް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން ރާޖަޕަކްސަ އަކީ ރާއްޖެއާއި ސްރީލަންކާ އާއި ދެމެދުގައިވާ ރަހުމަތްތެރިކަމުގައި އިސް ރޯލެއް އަދާ ކުރައްވާ ބޭފުޅެއްކަން ރައީސް ސޯލިހު ފާހަގަ ކުރެއްވިއެވެ.
ސްރީލަންކާގެ ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ލަންކާގެ މަޖިލީހަށް އެންމެ ފުރަތަމަ ކުރިމަތިލައްވާފައިވަނީ 1970 ވަނަ އަހަރުއެވެ. އަދި އެ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވައި ރާޖަޕަކްސަ ވަނީ 24 އަހަރުގައި ލަންކާގެ އެންމެ ހަގު މަޖިލިސް މެންބަރަކަށް ވެވަޑައިގެންފައެވެ.