މީރާ އަށް ބަލަިއގަންނަ ޖުމުލަ އާމްދަނީ މި އަހަރު 48 ޕަސެންޓަށް ވުރެ ބޮޑުތަނުން ދަށަށް ދާނެ ކަމަށާއި އެއީ 8 ބިލިއަނަށްވުރެ މަތީ އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.
ކޮވިޑް 19 އާއި ގުޅިގެން މީރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވީ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާއެކު މީރާ އަށް ލިބޭ އާމްދަނީއާ ގުޅޭ ފަސް ސިނާރިއޯއެއް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ފަތުހުއްﷲ ވިދާޅުވީ ދައުލަތަށް ބަލައިގަންނަ އާމްދަނީގެ ގާތްގަނޑަކަށް 75 ޕަސެންޓް ވަރުގެ އަދަދެއް ބަލައިގަންނަނީ މީރާ މެދިވެރިކޮށް ކަމަށާއި މިދިޔަ ތިން އަހަރަށް ބަލައިލި ނަމަވެސް އެ ތިން އަހަރުގެ ދައުލަތުގެ އާމްދަނީ އެއްވަރެއްގައި ލިބެމުން އަދި އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރީ މިއަހަރަކީ ފަތުރުވެރިކަންވެސް ރަނގަޅުވާނެ އަދި ރާއްޖޭގެ މުޅި އިގްތިސާދުވެސް ރަނގަޅުވާނެ އަހަރެއް ކަމަށް ބެލިގެން ކަމަށެވެ.
ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު މިއަހަރުގެ ބަޖެޓް ފާސްކުރި އިރު މި އަހަރުގެ ތެރޭ 17.2 ބިލިއަން ރުފިޔާ ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވިފައިވީ ނަމަވެސް މިހާރު އެންމެ ބޮޑަށް ބެލެވެނީ މީރާ މެދުވެރިކޮށް ލިބޭނީ 8.95 ބިލިއަން ރުފިޔާ ކަމަށެވެ.
"އެގޮތުން 17.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ކުރީން އަންދާޒާ ކުރީ. އެހެންނަމަވެސް މިހާރު ދިމާވެފައިވާ ކޮވިޑް 19 އާ ގުޅިގެން މިއައިސްފައިވާ ހާއްސަ ހާލަތާއި ގުޅިގެން މީރާ މެދުވެރިކޮށް ދައުލަތަށް މި ލިބޭ އާމްދަނީ އަށް އަސަރުތަކެއް ކުރާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވަނީ. އެހެން ކަމުން ކުރިން ލަފާ ކުރި 17.2 ބިލިއަންގެ ތެރެއިން މިހާރު ލިބޭނެ ކަމަށް މި ލަފާ ކުރެވެނީ 8.95 ބިލިއަން ރުފިޔާ" ފަތުހުއްﷲ ވިދާޅުވިއެވެ.
ފަތުހުﷲ ވިދާޅުވީ ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު މިއަހަރުގެ މިހާތަނަށް މީރާއަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. އެގޮތުން ޖެނުއަރީމަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ކޮވިޑްގެ އަސަރާއެކު އޭޕްރީލް މަހު ލިބުނު އާމްދަނީ ވަނީ 527 މިލިއަން ރުފިޔާއަށް ވެއްޓިފައި ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ 109 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.