ޚަބަރު

ކުރީގެ ރައީސުންގެ އިނާޔަތް މުރާޖައާކުރަން ހުށަހަޅަން ސަރުކާރަށް ދަންނަވަން ކޮމެޓީން ފާސްކޮށްފި

ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ދައުލަތުގެ މުސާރަތައް ކުޑަ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖައާކުރަން ގާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.

ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް މުރާޖައާ ކޮށްދިނުމަށް ކޮމިޓީއަށް ހުށަހެޅީ ފިނޭންސް މިނިސްޓްރީންނެވެ.

އެކަމަށް އެދި ފިނޭންސުން މަޖިލީހަށް ފޮނުވި ސިޓީގައި، ދައުލަތުން ހަރަދުކުރާ ގޮތަށް ޕެންޝަންގެ އެއް ސްކީމަށް ވުރެ ގިނަ ސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކުން ކޮންމެވެސް އެއް ސްކީމެއް އިހުތިޔާރު ކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދިނުމަށްވެސް އެދިފައި ވެއެވެ.

މި ކަންތައްތަކާބެހޭގޮތުން ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީގައި އަންގާރަ ދުވަހު ކުރިއަށްގެންދިޔަ ބައްދަލުމުގައި، ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ވިދާޅުވީ ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާ ކުރުމުގެ އިތުރުން ޕެންޝަން ސްކީމުގެ މައްސަލަޔަށް ހައްލެއް ގެނެވޭނީ، ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ހުށަހަޅައިގެން ކަމަށް، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާ ގާނޫނީ ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސެލް ޖެނެރަލް ދެއްވި ލަފާގެ މަތީން އެ ދެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހަޅަން ފިނޭންސް މިނިސްޓްރީއަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަށް އެންގުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް މަހަކު 50،000 ރުފިޔާގެ އިނާޔަތެއް ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000 ރުފިޔާގެ އިނާޔަތެއް ދައުލަތުން ދޭންޖެހެ އެވެ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދަށް އިތުރު 50،000 ރުފިޔާ ދިނުމުގެ އިތުރުން މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރައްވާނަމަ އޮފީސް ހިިންގުމުގެ ހަރަދަށް ވެސް މަހަކު 175،000 ރުފިޔާއާ ހަމަޔަށް ދައުލަތުން ފައިސާ ދޭން ޖެހެއެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ތެރެއިން މައުމޫން ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރަން ތާއީދު ކުރައްވައިފަ އެވެ.