ޖަރުމަން ބުންޑަސްލީގާގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް، ބަޔާން މިއުނިކުން ޗެމްޕިއަންކަން ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ލީގު މެޗުގައި ޑޯޓްމަންޑުގެ މައްޗަށް ބަޔާނުން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ޑޯޓަމަންޑުން ވަނީ ބަޔާނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗު ފެށިތާ މިނެޓެއްގެ ތެރޭ ޑޯޓްމަންޑުގެ ޒުވާން ފޯވަޑް އާލިންގް ބްރައުޓް ހާލަންޑަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ބަޔާނުގެ ކީޕަރު މެނުއަލް ނޯޔާ ކުރިއަށް ނުކުމެ ހުއްޓައި ހާލަންޑް ފޮނުވާލި ހަމަލާ ގޯލު ލައިނު މަތިން ޑިފެންޑަރު ޖެރޯމް ބޯޓެންގް ވަނީ ދިފާއުކޮށްފައެވެ.
ބަޔާނުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުން ވަނީ ޑޯޓްމަންޑުގެ ގޯލަށް ނުރައްކާކޮށްފައެވެ. ތޯމަސް މުލާ ދިން ބޯޅައަކުން ކިންގްސްލީ ކޯމަން ފޮނުވާލި ހަމަލާ، ޑޯޓްމަންޑުގެ ގޯލަކީޕަރު ރޯމަން ބުރްކީ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑޯޓްމަންޑުގެ މިޑްފީލްޑަރު އަލްފަންސޯ ޑޭވީސްއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑޯޓަމަންޑުގެ ކީޕަރު ބުރްކީގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ވެސް ބަޔާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބަޔާނުގެ މިޑްފީލްޑަރު ލިއޯން ގްރޮއެޓްޒްކާ ފޮނުވާލި ހަމަލާ ޑޯޓްމަންޑުގެ ކީޕަރު ބުރްކީ މަތަކުރި ނަމަވެސް، ބަޔާނަށް ވަނީ ރީބައުންސް ބޯޅަ ލިބިފައެވެ. ބަޔާނަށް ލިބުނު ދެވަނަ ފުރުސަތުން ހުނަރުވެރި ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ޑޯޓްމަންޑުގެ ޑިފެންޑަރު މެޓްސް ހުމުލްސް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ތޯގަން ހަޒާޑް ދިން ބޯޅައަކުން ހާލަންޑް ފޮނުވާލި އެ ހަމަލާ ވެސް ބަޔާނުގެ ޖަރުމަން ޑިފެންޑަރު ބޯޓެންގް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޑޯޓްމަންޑުގެ މިޑްފީލްޑަރު މަހުމޫދު ދާހޫދުއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، ބަޔާނުގެ ތަޖުރިބާކާރު ކީޕަރު ނޯޔާ ވަނީ މަތަކޮށްފައެވެ.
މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ބަޔާނަށް ވަނީ ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ބަޔާނުގެ ޕޮލެންޑް ފޯވަޑް ލެވަންޑޯސްކީ ފޮނުވާލި އެ ހަމަލާ އަމާޒުވީ ޑޯޓަމަންޑު ގޯލުގެ ހުރަސްދަނޑިއަށެވެ.
ޖަރުމަން ބުންޑުސްލީގާގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު 28 މެޗުން ލިބުނު 64 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް 28 މެޗުން 57 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް އާރްބީ ލެއިޕްޒިގަށް 27 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. އަދި ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަބާޗްއަށް 28 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.