ޚަބަރު

އެޗްއާރްސީއެމްގެ މައްސަލަތައް ބެލުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް: އީނާސް

އަލީ ޔާމިން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މައްސަލަތައް ބެލުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް އެކޮމިޝަންގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިޔުއެއްގައި އީނާސް ވިދާޅުވީ، އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ކޮމިޝަނަށް ލިބިފައިވާކަން މައްސަލަ ހުށަހެޅިފަރާތަށް އަންގާނެ ކަމަށެވެ. އަދި އެކަންކަން ކުރުމުގައި ގާނޫނީ އެއްވެސް ހުރަހެއް ދިމާނުވާ ކަމަށް ވިދާޅުވިއެވެ.

"އެޗްއާރްސީއެމްގެ މައްސަލަތައް ބެލުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ނާދޭ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މައްސަލައެއް މީހަކު ހުށަހެޅުމުން އޭގައި ފުރަތަމަވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ އެބަޔަކަށް އަޅުގަނޑުމެން ދަންނަވާލާނެ. އެ މައްސަލަ ލިބިއްޖެކަން.." އީނާސް ވިދާޅުވިއެވެ.

އީނާސް ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ކަމާބެހޭ އެހެން މުއައްސަސާތަކުން މައުލޫމާތު ހޯދަން ޖެހޭ މައްސަލަތައް ކަމަށާއި، އެހެންކަމުން އެ ފަދަ މައްސަލަތައް ވަގުތުން ވަގުތަށް ނުނިންމޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ނިންމުމަށް ވަގުތު ބޭނުންވާއިރު، ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ މައްސަލަތައް ނިންމޭލެއް އަވަސްވާނެ ކަމަށް ވިދާޅުވިއެވެ

ކަރަންޓީން ފެސިލިޓީތަކާ ބެހޭ ގޮތުން މިހާތަނަށް އެޗްއާރްސީއެމުން ބެލި މައްސަލަތަކުގައި އެންމެ ބޮޑަށް ފާހަގަވެފައިވަނީ އިންސާނީ ކަރާމާތް ރައްކާތެރިކުރެވޭނެ ގޮތަށް ބައެއް ތަންތަން ނެތުން ކަމުގައި ވިދާޅުވިއެވެ.

"ފާހާނާތައް އެބަހުރޭ ވަރަށް މަދުން. ދެން އަޅުގަނޑުމެން މި ފަދަ ކަންކަން ފާހަގަކޮށްފައި އެންގީމަ އެބޭފުޅުން އެބަ ރަނގަޅު ކުރައްވާ އެކަންކަން" އީނާސް ވިދާޅުވިއެވެ.

މީގެ އިތުރުން އީނާސް ވިދާޅުވީ، ނިއު ނޯމަލްގައި އެޗްއާރްސީއެމުން އަމަލުކުރާނެ އުސޫލުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއެކު މަޝްވަރާކުރުމަށް ފަހު އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.